ads
އެމްއެމްއޭ އާއި ޔޫއެންޑީޕީ ގުޅިގެން އިންޝުއަރެންސް ދާއިރާ ހަރުދަނާކުރަން މަޝްރޫއެއް ހިންގުމަށް އެއްބަސްވުމުގައި ސޮއިކުރުން - ފޮޓޯ:އެމްއެމްއޭ
އެމްއެމްއޭ އާއި ޔޫއެންޑީޕީ ގުޅިގެން އިންޝުއަރެންސް ދާއިރާ ހަރުދަނާކުރަން މަޝްރޫއެއް
މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކަށް އިންޝުއަރެންސް ދާއިރާ ވިލުންވެރިކޮށް، ސިނާއަތު އިތުރަށް ހަރުދަނާކުރަން ޔޫއެންޑީޕީ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޔޫއެންޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކަށް ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ވިލުންވެރިކޮށް، ސިނާއަތު އިތުރަށް ހަރުދަނާކުރަން ކުރިއަށްގެންދާ މޯލްޑިވްސް އިންޝުއަރެންސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އެމްއެމްއޭ އާއެކު ސޮއިކޮށްފައިވާ ކަމަށެވެ.

ޔޫއެންޑީޕީން ބުނެފައިވަނީ މި މަޝްރޫއުގެ ދަށުން އިންޝުއަރެންސް ދާއިރާގެ ގާބިލުކަން އިތުރުކުރުމާ އެކު، ހިދުމަތްތަކުގެ ދެމެހެއްޓެނިވިކަން އިތުރުކޮށް ގަވާއިދުތައް ހަރުދަނާ ކުރާނެ ކަމަށެވެ. އެގޮތުން އެންމެ އިސްކަންދޭ ކަމެއްގެ ގޮތުގައި އިންޝުއަރެންސް ނިޒާމުގެ ހިންގާ ގަވާއިދުތަކާއި އޮނިގަނޑުތަކަށް "ގްރީން، ބްލޫ އަދި ކްލައިމެޓް އިންޝުއަރެންސް" ގެ ހިދުމަތް ތައާރަފު ކުރާނެ ކަމަށް ޔޫއެންޑީޕީން ބުނެއެވެ.

ޔޫއެންޑީޕީން ބުނި ގޮތުގައި މި މަޝްރޫއު އެކުލަވާލާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ހެދި އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީގެ ހޯދުންތަކަށް ބިނާކޮށް ކަމުގައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ އެންޖެލިކާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ އަސަރުތައް ބޮޑުވަމުން އަންނައިރު، ރާއްޖެއަކީ އެ ކަމުގެ ގެއްލުންތައް ވަރަށް ބޮޑަށް ލިބޭނެ ނާޒުކު ގައުމެއް ކަމަށެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން އިގުތިސޯދީ އަގު ދަނީ އަންދާޒާ ނުކުރެވޭ ވަރަށް ބޮޑުވަމުންކަން ފާހަގަކުރައްވާ އެންރީކޯ އެންޖެލިކާ ވިދާޅުވެފައިވަނީ އިންޝުއަރެންސަކީ ނާޒުކު މުޖުތަމައުތަކާއި އިންވެސްޓްމެންޓްތައް ރައްކާތެރި ކުރުމަށް ބޭނުންކުރެވޭނެ ވަސީލަތެއް ކަމަށެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ގަވާއިދުތައް ހަރުދަނާކޮށް، އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށްގެން އިގުތިސޯދީ މާހައުލުގައި ސިނާއަތުގެ ހަމަޖެހުން ރައްކާތެރިކުރުމުގެ އިތުރުން ތަފާތު ގޮންޖެހުންތަކަށް ވިލުންވެރިކަން އިތުރުކުރެވޭނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް