
ސ.މަރަދޫ ޖަގަހަ ހުޅުވަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މުއިއްޒަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނޫން ކަމަށް ދައްކަމުންދާ ވާހަކަތަކަށް ވިދާޅުވާން އޮތީ ޕީއެންސީއަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމަކީ ޕީއެންސީ ކަމަށާއި ޕީޕީއެމަކީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި މުއުއްޒަކީ ރައީސް ޔާމީން ބޭނުންފުޅުވެވަޑައިގެންނެވި ކެންޑިޑޭޓު ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ވާދަވެރިން ފާޑު ކިޔަމުންދަނީ ޑރ.މުއިއްޒަށް އޮތް ތާއީދު ފެނި ޖެހިލުންވާތީ ކަމަށެވެ. ވާދަވެރިންނަށް ރައްދު ދޭން ބޭނުން ނުވާ ކަމަށާއި ޕީޕީއެމުން ރައްދު ދޭނީ ވޯޓު ފޮށިން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭވަނީ ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ވޯޓު ލުމުގައި އައްޑޫގެ ތަރައްގީއާއި މިނިވަންކަމާއި ކުރިއެރުމައްޓަކާ މުއިއްޒަށް ވޯޓު ދެއްވުމަށް އިލުތިމާސް ކުރައްވާފައެވެ.
ޑރ.މުއިއްޒަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވަނީ ޕީޕީއެމު ދޫކުރައްވާ ވަޑައިގެންނެވި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކެވެ. ޕީޕީއެމުގެ ޓިކެޓަށް ވާދަ ކުރުމުގެ ފުރުސަތަށް ރައީސް ވަހީދު އިންތިޒާރުގައި ހުންނަވަނިކޮށް އެ ފުރުސަތު ނުދީ ޕީއެންސީގެ ތެރޭގައި ޕްރައިމަރީއެއް ބޭއްވުމަށްފަހު އެ ޕްރައިމަރީ ކާމިޔާބު ކުރުމުން ޑރ.މުއިއްޒަށް ޓިކެޓު ދޭން ވަނީ ނިންމާފައެވެ.