
އިސްރާއީލުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ރޭ ދިން ހަމަލާތަކާ ގުޅިގެން އީރާނުގެ އެކި ފެންވަރުގެ މަސްއޫލުވެރިންވަނީ އިސްރާއީލަށް "ތަދުވާވަރުގެ" ވޭންދެނިވި ހަމަލާތަކެއް ދޭނެ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް މިއަދު ވިދާޅުވެފައި އެވެ.
އެގޮތުން އީރާނުން އިސްރާއީލާއި ދެކޮޅަށް ފޮނުވާލި ހަމަލާތައް އިޒްރޭލުގެ ވެރިރަށް ތެލް އަވީވް ހިމެނޭހެން އެ ގައުމުގެ މެދުތެރޭގެ 7 ސަރަހައްދަކަށް ވަނީ އަމާޒުކޮށްފައި އެވެ.
ރޮއިޓާސް އާއި ބީބީސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ވެރިރަށް ގޮތުުގައި ބަލާ ގުދުސްއަށާއި އިޒްރޭލުގެ އެންމެ ފުރަތަމަ ވެރިކަން ކުރި ތެލް އަވީވް އަށް ވެސް އިރާނުގެ މިސައިލްތައް ދަނީ އަމާޒުވަމުންނެވެ. މިހާރު އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ވެސް އެ މަންޒަރުތައް ފެނެ އެވެ.
ތެލް އަވީވްގައި ހުންނަ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީ ކައިރީގައި ވެސް އަލިފާން ރޯވެފައިވާ ކަމަށް އިޒްރޭލުގެ ސަރުކާރު ހަބަރު ގެނެސްދޭ "ޗެނަލް 13" އިން ރިޕޯޓުކޮށްފައިވެ އެވެ.
އިރާނުން މިއަދު ހެނދުނު ވެސް އިޒްރޭލަށް ހަމަލާތަކެއް ދިނެވެ. ނަމަވެސް މިއަދު ހެނދުނު ފޮނުވާލި 100 ޑްރޯންގެ ތެރެއިން ގިނަ ޑްރޯންތައް އިޒްރޭލުގެ އަޔަން ޑޯމްއިން ވަނީ ވައްޓާލައިފަ އެވެ.
އީރާނުން އިސްރާއީލްގެ އެތެރެއަށް މިރޭ ހަމަލާ މިދިނީ އިސްރާއީލުގެ ހަމަލާތަކަށް ފަހު އީރާނު ހިމޭނުން ނޯންނާނެ ކަމަށާއި އިސްލާމިކް ރިޕަބްލިކްގެ "ބާރުގަދަ" ޖަވާބެއް ލިބުމުން ދުޝްމަނުން އެމީހުންގެ މޮޔަ އަމަލުތަކާ މެދު ހިތާމަކުރަން ޖެހިދާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން މިރޭ ވިދާޅުވިތާ ކުޑައިރުކޮޅެއްގެ ފަހުން ނެވެ.
ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އީރާނުގެ ރައްޔިތުން ސަރުކާރަށް ތާއީދުކޮށް އެއްބައިވަންތަކަން ދެމެހެއްޓުމަށް ޕެޒެޝްކިއަން ބާރު އެޅުއްވި އެވެ.
ރައްދު ހިތިވާނެ ކަމަށް ބުނެ އީރާނުން އިޒްރޭލަށް ހަމަލާން ދޭން ފެށީ އީރާންގެ އެންމެ ޒަމާނީ އަސްކަރީ ޑްރޯން އަދި ބެލެސްޓިކް މިސައިލް ބޭނުންކޮށްގެން ނެވެ. އިރާން އިޒްރޭލު ދެމެދު ހަނގުރާމައިގެ ހާލަތެއް އުފެދި މަޝްރަހު ގޯސްވެދާނެ ކަމަށް ބަލާ ސަރަހައްދީ ގައުމުތަކުގެ ވައިގެ ސަރަހައްދުވެސް މިހާރު ވަނީ ބަންދު ކުރަން ފަށައިފަ އެވެ.