
އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލު ހަމަލާތައް ދޭން ފެށީ ރޭ ދަންވަރެވެ.
މި ހަމަލާތަކުގައި ރިވޮލިއުޝަނަރީ ގާޑްގެ އިސް އޮފިޝަލުންނާއި ނިއުކްލިއާ ސައިންސްވެރިންތަކެއް ވެސް އަވަހާރަވެފައިވާކަމަށް އީރާނުން ވަނީ ޔަގީންކޮށްދީފަ އެވެ. އެގޮތުން އީރާނުގެ އިންގިލާބީ ފައުޖުގެ އިސްވެރިޔާ، ހުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުހައްމަދު ބަގާރީއާއި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދު ކޮށްލައިފަ އެވެ. އޭގެ އިތުރުން ހަ ނިއުކްލިއާ ސައިންޓިސްޓުން ވެސް ވަނީ ޝަހީދު ކޮށްލައިފަ އެވެ.
އިސްރާއީލު ބުނާގޮތުން އެ ހަމަލާތައްދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.
ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްވި ތަގުރީރެއްގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކަށް ފަހު އީރާނު ހިމޭނުން ނޯންނާނެ ކަމަށާއި އިސްލާމިކް ރިޕަބްލިކްގެ "ބާރުގަދަ" ޖަވާބެއް ލިބުމުން ދުޝްމަނުން އެމީހުންގެ މޮޔަ އަމަލުތަކާ މެދު ހިތާމަކުރަން ޖެހިދާނެ ކަމަށެވެ.
ހަމައެހެންމެ، ހުރިހާ ރައްޔިތުންވެސް މި ދަނޑިވަޅުގައި ސަރުކާރާއެކު އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށްވެސް ރައީސް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
އިޒްރޭލާއި އީރާނުން މިދިޔަ އަހަރެއްހާ ދުވަސް ދެ ފަހަރެއްގެ މަތިން ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފަ އެވެ. އެކަމަކު އެއިން އެއްވެސް ހަމަލާއެއްގައި ނިސްބަތުން ބޮޑު ގެއްލުމެއް އެއްވެސް ބަޔަކަށް ނުވެ އެވެ. މިފަހަރު ހަމަލާ ދީފައި މި ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެންނަން އެމެރިކާ އާއި އީރާނުން މަޝްވަރާތައް ވެސް ކުރިއަށް ގެންދަނިކޮށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ރައިސިން ލަޔަން"ގެ ނަމުގައި އީރާނާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށިކަމާއި މި އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށް ބުނެފައެވެ. މީގެ އެތައް ހަމަލާތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އީރާނަށް ދޭނެކަމުގެ އިންޒާރުވެސް ނަތަންޔާހޫ ދީފައިވެ އެވެ.
ރައްދު ހިތިވާނެ ކަމަށް ބުނެ އީރާނުން އިޒްރޭލަށް ހަމަލާން ދޭން ފެށީ އީރާންގެ އެންމެ ޒަމާނީ އަސްކަރީ ޑްރޯން ބޭނުންކޮށްގެން ނެވެ. އިރާން އިޒްރޭލު ދެމެދު ހަނގުރާމައިގެ ހާލަތެއް އުފެދި މަޝްރަހު ގޯސްވެދާނެ ކަމަށް ބަލާ ސަރަހައްދީ ގައުމުތަކުގެ ވައިގެ ސަރަހައްދުވެސް މިހާރު ވަނީ ބަންދު ކުރަން ފަށައިފަ އެވެ.
އިޒްރޭލުން އީރާނަށް ދެމުން ގެންދާ ވައިގެ ހަމަލާތައް ދުނިޔޭގެ ގައުމުތަކުން އަންނަނީ ކުށްވެރިކުރަމުން ނެވެ. އެގޮތުން ރާއްޖެ، އިރާގު، ސައުދީ، ޗައިނާ އަދި ޖަޕާނުން ވެސް ވަނީ ހަރުކަށި އިބާރާތުން އިޒްރާއީލްގެ އަމަލުތައް ކުށްވެރިކޮށްފައި އެވެ.