ފިނޭންސް މިނިސްޓްރީން ބުނީ މި ލެބޯޓްރީއަކީ ޔޫއެންޑީޕީގެ "ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަ އިކޮނޮމީ" ގެ ދަށުން އެގްރިކަލްޗަ މިނިސްޓްރީގެ އެދުމުގެ މަތިން ފުވައްމުލަކުގައި ގާއިމުކުރާ ލެބޯޓްރީއެއް ކަމަށެވެ.
ފުވައްމުލަކުގައި ގާއިމުކުރާ ދަނޑުވެރިކަމުގެ ލެބޯޓްރީއަކީ ރާއްޖޭގައި އަޅާ ދަނޑުވެރިކަމުގެ ގައުމީ ފެންވަރުގެ ފުރަތަމަ ލެބޯޓްރީއެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ލެބޯޓްރީ ގާއިމުކުރުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ކުރިން، އެ މިނިސްޓްރީއަށް މެއިލް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތާ ބެހޭ މައުލޫމާތު މާދަމައިން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމުގައެވެ. މި ޕްރޮޖެކްޓުގެ ބިޑުތައް ހުޅުވުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފުވައްމުލަކުގައި އަޅާ ދަނޑުވެރިކަމުގެ ގައުމީ ލެބޯޓްރީ ފެސިލިޓީގެ ބިންގާ އަޅާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ބިންގާ އެޅުމަށްފަހުގައި ލެބޯޓްރީ އެޅުމުގެ މަސައްކަތް ކުރުމަށް އެގްރިކަލްޗަ މިނިސްޓްރީން ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް ހަވާލުކޮށްފައެވެ.
ދަނޑުވެރިކަމުގެ ގައުމީ ފެންވަރުގެ މި ލެބޯޓްރީ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ދިވެހި ސަރުކާރާއި ޔޫއެންޑީޕީ އާ ގުޅިގެން ޔޫއެންޑީޕީން ތަންފީޒުކުރާ "ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަ އިކޮނޮމީ" މަޝްރޫއުގެ ތެރެއިންނެވެ.
މި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާއިރު، ތަނަށް ބޭނުންވާ އާލާތްތައް އިންޑިއާ ސަރުކާރުން ދޭނެ ކަމަށާއި ސީޑްސް ޕްރޮޖެކްޓް ޖަޕާން މަޝްރޫއުގެ ދަށުން ޕްރޮޖެކްޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނެފައިވަނީ ތަން ތަރައްގީ ކުރާނީ ރައްޔިތުން ބަލައިގަންނާނެ ހަތަރު ކަމަކަށް ހާއްސަ ލެބޯޓްރީ އަކާ އެކު ކަމަށެވެ. އެގޮތުން އެ ލެބޯޓްރީން ފަސް ތަހުލީލު ކުރުމާއި ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަތުމުގެ އިތުރުން ގަސްތަކުގެ ޓިޝޫ ނަގައިގެން ކަލްޗަ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.