އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް ކާމިޔާބުކޮށް ސްޕެއިނުން މުބާރާތުގެ ތަށި ހޯދި މެޗަށްފަހު ރުބިއަލެސްގެ އަމަލުތައް ހުރި ގޮތުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ.
އޭނާ ވަނީ އެޓީމުގެ ކުޅުންތެރިއެއް ކަމުގައިވާ ޖެނީ ހާމޯސާގެ ތުންފަތަށް ބޮސްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ އާންމު އަހްލާގީ މިންގަނޑާއި ހިލާފަށް އުފާ ފާޅުކޮށްފައެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވިއިރު، އޭނާ ވަނީ އޭނާގެ އަމަލުތައް ބެހެއްޓުނު ގޮތާއި މެދު މައާފަށް އެދިފައެވެ. އަދި މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ ފީފާގެ އަރިހުންވެސް މައާފަށް އެދިފައެވެ. ނަމަވެސް ބުރާސްފަތު ދުވަހު ފީފާއިން ވަނީ އޭނާ އާއި ދެކޮޅަށް މައްސަލަ ބަލަން ފަށާފައިވާ ކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް އެސެމްބްލީއެއް ބާއްވާފައެވެ. ގިނަ ބަޔަކު ގަބޫލުކުރީ މި ބައްދަލުވުމުގައި އޭނާ އިސްތިއުފާ ދޭނެ ކަމަށެވެ. ނަމަވެސް އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ނުދޭނެ ކަމަށް ބުނެފައެވެ.
ފީފާއިން ވަނީ އިންޓަނޭޝަނަލް އަދި ނޭޝަލަނަލް ހުރިހާ ފުޓްބޯޅަ ހަރަކާތަކުން ރުބިއަލެސް ސަސްޕެންޑް ކޮށްފައެވެ. މިއާއެކު ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އޭނާ ހިމާޔަތް ކުރަން ފެޑެރޭޝަނުން މަސައްކަތް ނުކުރާނެ ކަމަށާއި، އެކަން ކުރާނީ އޭނާ އަމިއްލައަށް ކަމަށެވެ. ފެޑެރޭޝަން ހިންގުމާއި ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ނައިބު ރައީސް ޕެޑްރޯ ރޯޗާ ޖުންކޯއާއެވެ.