ads
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ އާއި ގޯތި ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
ހަވާލުކުރާ ގޯތީގެ ރަޖިސްޓްރީ ވާނީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއަކަށް
ބިންވެރިޔާ ސްކީމުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ދޫކުރާ ގޯތީގެ ރަޖިސްޓްރީ ވާނީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއަކަށް ކަމަށް ފްލެޓާއި ގޯތި ކޮމިޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ހަވާލުކުރުން ކުރިއަށް ދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

މިއަދު ފަށައިގެން ކުރިއަށް ދަނީ ގޯތި ކަނޑައި، ގޯތީގެ ރަޖިސްޓްރީ ދިނުމުގެ މަސައްކަތްތަކެވެ. އެ ކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ ގޯތި ދެނީ ނުހިއްކާ އޮތް ތަންތަނުން ކަމަށް ބުނި ނަމަވެސް ސަރުކާރުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނީ ބިން ކަނޑައިދީފައި ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުން އަޑުފަތުރަމުންދޭ އަޅުގަނޑުމެން މި ދެނީ ނުހިއްކާ އޮތް ތަންތަނުންނޭ. އެހެނެއް ނޫން. އަޅުގަނޑުމެން ރަޖިސްޓްރީ ހަވާލުކުރާނީ ބިން ކަނޑައިދީފައި. އެހެންވީމާ މިގޮތުން މި ފެށުނީ މިއަދު މި މަސައްކަތް. ކޮންމެ ދުވަހަކުވެސް ބިން ކަނޑަމުން ދާނީ. ގުޅީފަޅުންވެސް، ގިރާވަރުންވެސް ކެނޑެމުން ދާނެ. އަޅުގަނޑުމެން ހަމަ ދާނީ މި ދެންނެވިހެން ބިން ކަނޑާފައި ގޯތި ހަވާލުކުރާނީ. ރަޖިސްޓްރީވެސް ދޭނީ،" - ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އަކްރަމް ވިދާޅުވެފައިވަނީ ގޯތި ކެނޑުމަށްފަހު ދޭ ރަޖިސްޓްރީއަކީ ގާނޫނީ ގޮތުން ސައްހަ ރަޖިސްޓްރީއެއް ކަމަށާއި އެ ރަޖިސްޓްރީ އާ މެދު އިތުރު ސުވާލެއް ނުއުފެދޭނެ ކަމަށެވެ. ގޯތި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރަމުން ދާނީ ގާނޫނީ ވަކީލުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ރަޖިސްޓްރީ ކޮށްދެމުން މި ދަނީ އެގްރިމަންޓާ، އެޔާ ނޮޓޮރައިޒްކުރައްވަނީ ގާނޫނީ ވަކީލުން. އެހެންވީމާ މިއީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫން،" - ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އަކްރަމް ވިދާޅުވި ގޮތުގައި މީގެކުރިން ބިން ނެތް ތަންތަނުން ގޯތި ދޫކޮށްފައި ހުރި ކަމުގެ ލިޔުންތައް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެކަން ކުރާނީ އެގޮތަށް ނޫން ކަމަށާއި ގޯތި ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

މީހަކަށް ކުރިން ލިބިފައިވާ ބިން ދޫކޮށްލުމުގައި އަމަލުކުރަން ޖެހޭ ގޮތް ސާފުކޮށްދެއްވަމުން އަކްރަމް ވިދާޅުވީ ގޯތި ލިބެނީވެސް 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮވެއްޖެ ނަމަ ކަމަށެވެ. އެ ބިން ދޫކޮށްލުމަށް ދޭ ތިން މަސް ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅައިގެން ނިންމުމަށާއި ދެ އަހަރު ދުވަހުގެ ތެރޭގައި ބިން އެކީ ދޫކޮށްލުމަށް ނިންމަން ޖެހޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވި ގޮތުގައި ބިންވެރިޔާ ސްކީމުން ގޯތި ލިބުމާ ގުޅިގެން ކުރިން ލިބިފައިވާ ބިން ވަގުތުން ވަގުތަށް ދޫކޮށްލަން ނުޖެހޭނެ ކަމުގައެވެ.

your imageބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ އާއި ގޯތި ހަވާލުކުރުން - ފޮޓޯ:ޕްލޭނިން މިނިސްޓްރީ

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީގެ ފަރާތުން އަންގަމުން ގެންދާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނު ކުރާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވަ އޮފް އެޓާނީ ފުރިހަމަ ކުރުމަށް ފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާ ހަވާލުކުރަން ވާނެ ކަމަށެވެ.

ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ސޮއި ކުރަން އަންނަ ފަރާތެއް ނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަ އޮފް އެޓާނީގެ އަސްލާއި އައިޑީ ކާޑުގެ ކޮޕީ ހިފައިގެން އައުމަށް ހައުސިން މިނިސްޓްރީން ވަނީ އެދިފައެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ގޯތި ހަވާލު ކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަ އޮފް އެޓާނީ މިއަދުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެ ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް