ބަޔާންގެ އަމިއްލަ ދަނޑުގައި އޮގްސްބާގާއި ދެކޮޅަށް ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 3-1 އިންނެވެ. މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑަކީ އޮގްސްބާގްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އޭގެ ފަހުން، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކޭން ވަނީ ލިބުނު ޕެނަލްޓީއެއްގައި ލަނޑުޖަހާ ލީޑު ފުޅާ ކޮށްފައެވެ. ބަޔާންގެ ތިންވަނަ ލަނޑު ކޭން ޖެހީ ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައެވެ.
އޮގްސްބާގްގެ ހަމައެކަނި ލަނޑު މެޗު ނިމެނިކޮށް ޖަހައިދިނީ ބެލްޖޯއެވެ. މިއީ ޑެމިރޯވިޗް ދިން ޕާހެއްގެ ބޭނުން ހިފައިގެން އޭނާ ޖެހި ލަނޑެކެވެ.
މި ނަތީޖާއާއެކު ކުޅުނު ދެމެޗުން މޮޅުވެގެން ބަޔާންއަށް ލިބެނީ ހަ ޕޮއިންޓެވެ. ފައިދާ ގޯލުން، ތާވަލުގެ އެއްވަނަ މަގާމުގައި އޮތީ ޔޫނިއަން ބާލިންއެވެ.