ads
ކޮމިއުނިޓީ އާބަން ފާމިން މަޝްރޫއު: އާބަން ފާމިންގެ ދެވަނަ ބުރުން ބިން ހޯދަން ވަނީ ހުޅުވާލާފައި - ފޮޓޯ:އާބަންކޯ
ކޮމިއުނިޓީ އާބަން ފާމިންގެ ދެވަނަ ބުރުން ބިން ހޯދަން ހުޅުވާލައިފި
އާބަންކޯއިން މުޖުތަމައުގެ އެކި ފަރުދުންނަށް ހުޅުވާލައިގެން ދަނޑު ބިންތައް ކުއްޔަށްދީ، ދަނޑުވެރިކަން ހުޅުމާލޭގައި އިތުރުކުރުމަށް ހިންގޭ މަޝްރޫއުގެ ދެވަނަ ބުރުން ބިން ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުގެ މަގުސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖުތިމާއީ ގުޅުން ވަރުގަދަކޮށް، ކާބޯތަކެތި ފަސޭހަކަމާ އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލޭގައި މަގުފަހިކޮށްދިނުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 673.28 އަކަފޫޓުގެ 12 ލޮޓް، ފަސް އަހަރު ދުވަހަށް ކުއްޔަށްދޭ އުސޫލުން ދެވިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވަނީ މި ކަމަށް އެދި ހުށަހެޅޭނީ ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އަދި އާބަން ފާމިންގެ އެހެން ޔުނިޓެއް މީގެ ކުރިން ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނި ގޮތުގައި މި މަޝްރޫއު ހިންގޭނީ ތިން ކެޓަގަރީއަކަށް، ކޮންމެ ތިން މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުން ކަމުގައެވެ. ފުރަތަމަ ކެޓަގަރީ ފަރުމާކުރެވިފައިވަނީ އަންހެނުން ބާރުވެރިކުރުވުމަށް ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ އެގޮތުން ދޫކުރެވޭ ޔުނިޓުތަކުގެ 50 އިންސައްތަ ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައި ކަމަށެވެ.

ދެވަނަ ކެޓަގަރީއަކީ ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީ ކަމަށާއި އެ ކެޓަގަރީއަށް 25 އިންސައްތަ ހާއްސަކުރެވިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ ތިންވަނަ ކެޓަގަރީއަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީ ކަމަށްވާއިރު، އެ ކެޓަގަރީއަށް 25 އިންސައްތަ ހާއްސަކޮށްފައިވާ ކަމަށެވެ.

އާބަންކޯއިން ބުނި ގޮތުގައި އާބަން ފާމިންގެ ޔުނިޓުތަކުން ތަފާތު ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެ ޔުނިޓުތަކުން ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާބަންކޯއިން ބުނީ "ރަށްވެހި ދަނޑުވެރިކަން" ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ ވެބްސައިޓް މެދުވެރިކޮށް ފޯމް ލިބެން ހުންނާނެ ކަމަށާއި އަންނަ މަހުގެ 28 ވަނަ ދުވަހު ކޯޕަރޭޝަނުގެ ހެޑްއޮފީހަށް ގޮސް ފޯމް ހުށަހެޅުމަށް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް