މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަހުގެ ހިދުމަތް ދެމުން އައީ ފަތިހު 5:45 އިން ފެށިގެން ދަންވަރު 12:15 އަށެވެ. އަދި ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގައި ދަތުރެއް ނުކުރެއެވެ.
އެމްޓީސީސީން ބުނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ވެސްޓްޕާކުގެ ރޫޓުތަކުން ޝެޑިއުލާ އެއްގޮތަށް، 24 ގަޑިއިރު ބަސް ދަތުރުތައް ކުރާނެ ކަމަށެވެ.
އެގޮތުން ދަންވަރު 12:00 އަދި 12:15 ގައި އޮންނަ ދަތުރަށް ފަހު ފަތިހު 05:15 ވަންދެން ކޮންމެ އެއް ގަޑިއިރަކުން ބަސް ދަތުރެއް އޮންނާނެ ކަމަށާއި ފަތިހު 05:45 ގައި ވެސް ބަސް ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ މާލެ އާއި ހުޅުމާލެ އާ ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމަށް އެ ކުންފުނިން ނިންމާފައިވަނީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ކުރާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގަައި ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމުން ކޮންމެ ފަހަރަކު ބޮޑު އަގުދީގެން ޓެކްސީގައި ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެ ކަމުގައެވެ.
އާޒިމް ވިދާޅުވީ މިވަގުތަށް އެގޮތަށް ނިންމި ނަމަވެސް ކުރިއަށް އޮތްތަނުގައި ހިދުމަތް ހޯދާ ފަރާތްތަކުން އެދޭގޮތަށް ބަހުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނާނެ ކަމަށެވެ.
އެމްޓީސީސީން މާލެ އާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ބަހުގެ ހިދުމަތް ދެމުން އަންނަނީ ކޮޅަކަށް 10 ރުފިޔާގެ ރޭޓުންނެވެ. އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) އަށް ދަތުރުކުރަނީ ކޮޅަކަށް 15 ރުފިޔާއަށެވެ.