ads
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު، މުހައްމަދު ތޮލާލް
ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރާތީ އިދިކޮޅުން ކަންބޮޑުވެއްޖެ
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށް ވިދާޅުވެ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
Advertisement

ރިޔާސީ އިންތިހާބު 2023 އާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ވޭވް"ގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންބޮޑީ ވޯން ކެމެރާ އާއެކު ވޯޓުލާ މަރުކަޒު ތެރެ އާއި ޕޯލިން ސިސްޓަމް ތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެ ކެމެރާ ބޭނުން ކުރާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން އެޖެންޓް އަދި ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ ވޯޓުލާ މަރުކަޒުތަކުގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަކީ ނުރައްކަލެއް ކަމަށާއި އެގޮތަށް އެކަން ކުރެވިގެން ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑީ ކެމް ޖައްސައިގެން ތިބި ނަމަ، ވޯޓުލާ ބޫތުގައި ކަންކަން ހިނގަމުންދާ ގޮތުގެ މައުލޫމާތު ޕޮލިސް ކޮމާންޑް ސެންޓަރަށް ލިބޭނެ އެވެ. އަދި އެއީ "ވޯޓު ލައިވް ކުރުން" ކަމަށް ތޮލާލް ވިދާޅުވި އެވެ.

"މަރުކަޒުތަކުގެ އެތެރޭގައި ބޮޑީ ކެމް ޖައްސައިގެން އުޅޭކަމަށް ވާނަމަ މީގެއިން އެބައުޅޭ ވަރަށް ބޮޑު ނުރައްކަލެއް. އެއީ ވޯޓިން ބޫތުގައި މީހާ ހުންނައިރު އަދި ވޯޓިން ބޫތު އަރާ ގޮތަށް ޕޮލިސް މީހާ އެނބުރި ހުރެއްޖެއްޔާ ޕޮލިސް ކޮމާންޑް ސެންޓަރަށް ހަމަ ހުރިހާ މައުލޫމާތެއް ލިބެމުންދާނެ،" ތޮލާލް ވިދާޅުވި އެވެ.

ތޮލާލް އިތުރަށް ވިދާޅުވީ ފުލުހުންގެ އެ އަމަލަކީ ބިރުވެރިކަމެއް ނެތި ވޯޓުލުމަށް ހުރަސް އެޅޭ އަމަލަކަށްވާތީ އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ފުލުހުންނާ ވާހަކަދައްކައިގެން އެކަން ހުއްޓުވަންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިހާބުގެ ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

29%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް