
އާބަންކޯއިން ބުނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައި ނަން ހިމެނިފައިވާ ހުރިހާ ފަރާތްތަކުންވެސް ގެރެންޓަ ފޯމް، ގެރެންޓަ ކްރެޑިޓް ރިޕޯޓް އަދި ޕާސަނަލް ކްރެޑިޓް ރިޕޯޓް ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ވިނަރެސް ފްލެޓުގެ ތަޅުދަނޑި ހަވާލު ކުރެވިގެން ދާނެ ކަމަށެވެ.
ހުޅުމާލޭގައި ތަރައްގީކޮށް އާންމުންނަށް ހުޅުވާލެވިފައިވާ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ ހިޔާ، ސީލައިފް އަދި ގުޅީފަޅުން ބަދަލުވި ފަރާތްތަކަށް މިހާރު ތަޅުދަނޑި ހަވާލު ކުރެވިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ތަޅުދަނޑި ހަވާލު ކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި ލިސްޓުގައި ހިމެނިފައިވާ އެއްވެސް ފަރާތެއް އުނި ނުވާނެ ގޮތްތަކެއް ހޯދައިދިނުމަށް، އެ ކޯޕަރޭޝަނުން 'ލީސް.ޓު.އޯން މޮޑެލް' ގައި ވިނަރެސް ފްލެޓް ގަތުމަށް މާލީ ގާބިލިއްޔަތުކަން ސާބިތުކޮށްދެވިފައި ނުވާ ފަރާތްތަކަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަކުރުމުގެ އިތުރު ފުރުސަތެއް ހޯދައިދީ ލުއިތަކެއް މިހާރު ހޯދައިދެވިފަައިވާ ކަމުގައެވެ.
އެގޮތުން އާމްދަނީ ސާބިތުކުރުމަށް ބޭނުންވާ އިތުރު ލިޔެކިޔުންތައް ހުށަހެޅުން، އެމްއެމްއޭގެ ކްރެޑިޓް ރިޕޯޓް ހުށަހަޅާފައިނުވާ ފަރާތްތަކުން މި ރިޕޯޓް ހުށަހެޅުން، އެލިޖިބަލް އީއެމްއައި ސާބިތުނުވާނަމަ، ފޯމު މެދުވެރިކޮށް ގެރެންޓައެއް ހަމަޖެއްސުމުގެ ފުރުސަތު އަދި މިގޮތުން ގެރަންޓަގެ ކްރެޑިޓް ރިޕޯޓާ އެކު އާއިލީ ގުޅުން ނެތް ފަރާތްތައްވެސް ހަމަޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ މިކަމުގައި ބޭނުންވާ ފޯމުތައް ފުރުމަށް އެ ކޯޕަރޭޝަނުގެ ޓީމުތަކުން އެހީތެރިވާނެ ކަމަށެވެ.
މިގޮތަށް ބަދަލު ގެނެސް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ ވީހާވެސް ގިނަ ފަރާތްތަކަށް ވިނަރެސް އެޕާޓްމަންޓުތައް ގަތުމުގެ ފުރުސަތު ފަހިކޮށްދީ، ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ފުރުސަތުތައް ރައްޔިތުންނަށް ފަސޭހައިން ހޯދޭނެ މަގުފަހިކޮށްދިނުން ކަމަށް އާބަންކޯއިން ބުނެއެވެ.