ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ހީނަރުކަމުން އަރައިގަތުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވީ އިގްތިސޯދަށް ބޮޑު ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާއިރު، ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ނާޒުކު ހާލަތަކަށް ހިނގައިދާނެ ކަމަށް އަންދާޒާ ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ލަފާކުރި އާމްދަނީން 2.1 ބިލިއަން ރުފިޔާ އާއި 6.9 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް މަދުވާނެ ކަމަށް ބެލެވޭއިރު، މި އަހަރަށް ލިބޭނެ ކަމަށް އަންދާޒާ ކުރި ޖުމްލަ އާމްދަނީއަކީ 29.9 ބިލިއަން ރުފިޔާ އެވެ.
ރާއްޖޭގެ މައި ސިނާއަތް، ފަތުރުވެރިކަމަށް ފާއިތުވި ތިން މަހުގެ ތެރޭގައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެގޮތުން ފަތުރުވެރިން އަންނަ އަދަދު ވަނީ ބޮޑު ތަނުން ދަށްވެފަ އެވެ.
ޕްރެސްގައި ހާމަކުރި ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޖުމްލަ 380،928 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އެއީ ޖެނުއަރީ މަހު 173،347 މީހުންނާއި، ފެބްރުއަރީ މަހު 149،786 މީހުންނާއި މާޗް މަހުގެ ފުރަތަމަ 15 ދުވަހު 57،795 މީހުންނެވެ.
މާޗްގެ ފުރަތަމަ 15 ދުވަހު އައި ފަތުރުވެރިންގެ އަދަދަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 34.7 އިންސައްތަ ދަށް އަދަދެކެވެ.
އޭގެ އިތުރުން 26 ޖެނުއަރީން 13 މާޗްއާ ހަމައަށް 339،362 ބެޑްނައިޓް ބުކިން ހަދާފައި ވާއިރު، އޭގެ ތެރެއިން 198،120 ބުކިން ވަނީ ކެންސަލްވެފަ އެވެ. އެއީ 58.3 އިންސައްތަ އެވެ.
ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި މި އަހަރު ޓޫރިސްޓް އެރައިވަލްސް 12 އިންސައްތަ އާއި 35 އިންސައްތައާ ހަމައަށް ވެއްޓުން އެކަށީގެންވެ އެވެ. އެއީ 1.53 މިލިއަން ފަތުރުވެރިންނާއި 1.10 މިލިއަން ފަތުރުވެރިންނާ ދެމެދުގެ އަދަދެކެވެ.
ކުރިން އަންދާޒާ ކުރި ގޮތުގައި މި އަހަރު ރާއްޖެއަށް 1.86 މިލިއަން ފަތުރުވެރިން އަންނާނެ އެވެ. އޭގެ އިތުރުން މިދިޔަ އަހަރާ އަޅާ ބަލާއިރު، ބެޑް ނައިޓް 8 އިންސައްތަ އާއި 21 އިންސައްތައާ ދެމެދަށް ދަށްވާނެ ކަމަށް ބެލެވެ އެވެ.
ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަމަށް ލިބެމުންދާ ގައްލުންތަކާއެކު އުފެއްދުންތެރިކަން ވެސް ވަރަށް ބޮޑަށް ވެއްޓޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ކުރިން ލަފާ ކުރީ މިއަހަރު އުފެއްދުންތެރިކަން 7.5 އިންސައްތައިގައި ހުންނާނެ ކަމަށެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުގައި 0.5 އިންސައްތަ އާއި 5.6- އިންސައްތައަށް އުފެއްދުންތެރިކަން ވެއްޓުން އެކަށީގެންވެ އެވެ.