އެމްޓީސީސީން ބުނީ ދިއްދޫގައި ފެށި މި ހިދުމަތުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ދެ ބަސް ކަމަށެވެ. މި ބަސްތަކުގައި 22 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެ ކަމަށާއި 10 މީހުންނަށް ކޮޅަށް ތިބެވޭނެގޮތަށް އަތުން ހިފަހައްޓާނެ ހޭންޑަލް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ ޖުމްލަ 32 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި ބަސްތަކުގައި ހުންނާނެ ކަމަށެވެ.
ދިއްދޫގައި ބަހުގެ ހިދުމަތް މިއަދު ފެށުމަށްފަހު، އެއް ހަފުތާ ވަންދެން ކަސްޓަމަރުންނަށް މުޅިން ހިލޭ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި ހިލޭ ދަތުރުކުރެވޭ މުއްދަތު ނިމުމުން އާރުޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިއުއާރު ޓިކެޓް ގަނެގެން ދަތުރުކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމުގައެވެ. އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަން އެޕަލް އެޕް ސްޓޯ އަދި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ބަހުގައި ހިލޭ ދަތުރު ކުރެވޭ މުއްދަތު ނިމުމަށްފަހުވެސް ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި މަދަރުސާގައި ކިޔަވާ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.
އާރުޓީއެލް ދިއްދޫ ބަހުގެ ހިދުމަތާ ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތު އާރުޓީއެލް ޓްރެވަލް އެޕްލިކޭޝަނުން ފަސޭހައިން ބެލޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.