ads
ސިފްކޯހިޔާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކާލުން - ފޮޓޯ:އެމްއެންޑީއެފް
"ސިފްކޯ ހިޔާ" ފްލެޓުތައް ނިންމައި، ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކާލައިފި
ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މީގެ 10 އަހަރުކުރިން ފެށި "ސިފްކޯ ހިޔާ" މަޝްރޫއުގެ މަސައްކަތް ނިންމައި، އެތަން ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކާލައިފިއެވެ.

އިއްޔެ ހަވީރު "ސިފްކޯ ހިޔާ" ފްލެޓު ސަރަހައްދުގައި އޮތް ހަރަކާތުގައި އެތަން ބަލާލަން ދިޔަ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް މަރުހަބާ ކިޔާފައިވަނީ ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބިންގާ އެޅުނު "ސިފްކޯ ހިޔާ" ގެ މަޝްރޫއަކީ ސިފައިންގެ އާއިލާތަކަށް އެކަށީގެންވާ ގޮތެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ފެށި، ސިފައިންގެ އެތައް އާއިލާތަކެއްގެ އުންމީދުތަކާ ގުޅިފައި އޮތް ހުވަފެނީ މަޝްރޫއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ އިދާރާއިން ބުނީ މި މަޝްރޫއުގެ މަސައްކަތްތައް އެކިއެކި ކޮންޓެކްޓަރުންނާ ހަވާލު ކުރެވި، މަސައްކަތް ނުނިމި ދިގު ދެމިގެން ދަނިކޮށް، މަޝްރޫއު ބާރު ސްޕީޑްގައި ގެންގޮސް އެއްކޮށް ނިންމާލާފައި މިވަނީ، ސަރުކާރުން މި މަޝްރޫއު އަވަސްކަމާ އެކު ނިންމުމަށް ދިން އިސްކަމާއި ދިފާއީ ވަޒީރާއި ސިފައިންގެ އިސް ލީޑަޝިޕުން، އަވަސްމިނެއްގައި ތަނުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބާރު އަޅައި ކުރި މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން ކުރި މަސައްކަތްތަކުން މިހާރުވަނީ "ސިފްކޯ ހިޔާ" ގެ ތިން ޓަވަރުގައި މީހުން ދިރިއުޅެވޭ ވަރަށް އެތަނުގެ ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިމިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެ އިދާރާއިން ބުނެފައިވަނީ ފްލެޓުތަކުގެ ކޮޓަރިތަކާއި ބަދިގޭގެ ކަބަޑު ސެޓުތައް ފުރިހަމަކޮށް ނިންމާފައިވާއިރު، ބަދިގެ ކަބަޑު ސެޓުގައި އަވަނާއި މައިކްރޯ ވޭވާއި އުނދުނުގެ އިތުރުން ހުޑްވެސް ހަރުކޮށް ނިންމާފައިވާ ކަމަށެވެ. އަދި ފްލެޓުތަކުގައި އޭސީ އާއި ހީޓަރު ހަރުކޮށް، ތިން ޓަވަރުގެ ޕާމަނަންޓް ކަރަންޓާއި ފެނުގެ ހިދުމަތް މިހާރު ލިބެން ހުރިއިރު، އެ ޓަވަރުތަކުގެ ނަރުދަމާގެ ހުރިހާ މަސައްކަތްތައް ވަނީ އެއްކޮށް ނިމިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ފުރިހަމައަށް ބޭނުންކުރެވޭ ހާލަތަށް ފްލެޓުތަކުގެ ލިފްޓްތައް ސާވިސްއަށް ގެނެވިފައިވާ ކަމަށާއި ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން އިންޓަނެޓާއި ޓީވީގެ ހިދުމަތް ދިނުމަށް ދިރާގާއި އުރީދޫ އާއި އެސްއެސްނެޓްގެ އިތުރުން މީޑިއާނެޓުގެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ވަނީ ހަމަޖެހިފައި ކަމުގައެވެ. އޭގެ އިތުރުން ފްލެޓުތަކުގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ބެހެއްޓުމަށްޓަކައި، ދިމާވެދާނެ އަލިފާނުގެ ހާދިސާއަކުން އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރިވުމުގެ ގޮތުން، ބޭނުންވާ ހުރިހާ ސަލާމަތީ ވަސީލަތްތައްވެސް ހަރުކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

your imageސިފްކޯހިޔާ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކާލުން - ފޮޓޯ:އެމްއެންޑީއެފް

"ސިފްކޯ ހިޔާ" ގެ މަސައްކަތްތައް ނިމިފައިވާތީ، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފްލެޓުތައް އެލޮކޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

"ސިފްކޯ ހިޔާ"ގެ މަޝްރޫއު ނިމުމާ އެކު ސިފައިންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ އުނދަގޫ ދަތި ހާލަތަށް، ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. "ސިފްކޯ ހިޔާ" ވެގެން ދާނީ ސިފައިންގެ އާއިލާތަކަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަމާ އެކު ދިރިއުޅެވޭނެ ފަދަ ހިތްގައިމު މާހައުލަކަށެވެ. އަދި އުފާވެރި، ދުޅަހެޔޮ ދިރިއުޅުމަކަށް ޓަކައި ބޭނުންވާ ގިނަ ވަސީލަތްތައް ފުރިހަމަވެފައިވާ ތަނަކަށް އެތަން ވެގެންދާނެއެވެ.

"ސިފްކޯ ހިޔާ"ގެ ފްލެޓުތައް ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކާލުމަށް އިއްޔެ ބޭއްވި މި އިވެންޓްގައި ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތަކުން ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް