ads
ސިއްހީ ހިދުމަތް ހޯދަން ކުރަން ޖެހޭ ދަތުރުތަކަށް ލުއި ހޯދައިދޭން މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކުރުން - ފޮޓޯ:ހެލްތު މިނިސްޓްރީ
މޯލްޑިވްސް ހެލްތު ލައިން، ސިއްހީ ހިދުމަތް ހޯދަން ކުރާ ދަތުރުތަކަށް ލުޔެއް
ސިއްހީ ހިދުމަތް ހޯދުމަށް ރަށްރަށުން ރީޖަނަލް ހޮސްޕިޓަލުތަކަށް ރައްޔިތުން ކުރަން ޖެހޭ ދަތުރުތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގާއިމުކުރި "މޯލްޑިވްސް ހެލްތު ލައިން" އިފްތިތާހުކޮށްފިއެވެ.
Advertisement

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.

މޯލްޑިވްސް ހެލްތު ލައިން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ނަސީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ގެނައުން ކަމަށެވެ. ހެލްތު ލައިން ޕްރޮޖެކްޓާ އެކު ހެލްތު މިނިސްޓްރީން ކުރިއަށް ގެންދާ އައުޓްރީޗް ޕްރޮގްރާމް އިތުރަށް ފުޅާވެގެންދާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ސިއްހީ ފަރުވާ ހޯދަން ރައްޔިތުން ކުރަން ޖެހޭ ދަތުރު މަދުކޮށް، ރައްޔިތުންނާ ގާތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. މޯލްޑިވްސް ހެލްތު ލައިން އާއެކު ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން ކުރަން ޖެހޭ ދަތުރުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ނަސީމް ވިދާޅުވިއެެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއަދު އިފްތިތާހުކުރި ހެލްތު ލައިންގެ ދަށުން ކޮންމެ އަތޮޅެއްގައި ގާއިމުކޮށްފައިވާ އަތޮޅު ހޮސްޕިޓަލު ނުވަތަ ރީޖަނަލް ހޮސްޕިޓަލުގައި ތިބޭ ޑޮކްޓަރުން ކޮންމެ މަހަކު އެ އަތޮޅެއްގެ ރަށްރަށުގައި ތިބޭ ބަލިމީހުންގެ ގާތަށް ގޮސް ފަރުވާ ދޭނެ ކަމަށެވެ.

އެ ދަތުރުތަކަށް ހާއްސަކޮށް ބަނދެފައިވާ 20 ހައިސްޕީޑް ލޯންޗު ރާއްޖޭގެ 20 އަތޮޅަށް ފޮނުވަން ހަމަޖެހިފައިވާއިރު، މިއަދު ވަނީ ހަތް އަތޮޅަކަށް ލޯންޗު ހަވާލުކޮށްފައެވެ. ހެލްތު މިނިސްޓްރީން ބުނީ ބާކީ 13 އަތޮޅަށް ފޮނުވަން ހަމަޖެހިފައިވާ ލޯންޗުތައް އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ހަވާލުކުރެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލު ވިދާޅުވީ މި ލޯންޗުތަކުގެ ބޭނުން ހިފައިގެން އައުޓްރީޗް ޕްރޮގްރާމުތައް ހިންގުމުގެ އިތުރުން އިމަޖެންސީތަކުގައި ބަލިމީހުން އުފުލާނެ ކަމަށެވެ. މި ލޯންޗުތައް ޑިޒައިންކޮށްފައިވަނީ ފަސޭހަކަމާ އެކު ބަލި މީހުންނާއި ލެބޯޓަރީ ސާމްޕަލް ފަދަ ތަކެތި އުފުލޭ ގޮތަށް ކަމަށް އާދިލު ވިދާޅުވިއެވެ.

އާދިލު ވިދާޅުވި ގޮތުގައި މޯލްޑިވްސް ހެލްތު ލައިންގެ ދަށުން އެސްޓީއޯ އާއި ގުުޅިގެން ޑްރޯންގެ ބޭނުންކޮށްގެން އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލް އާއި އިމަޖެންސީ މެޑިސިން އަދި ކޮންސިއުމަބަލް އުފުލުމުގެ ހިދުމަތް ފެށިގެންދާނެ ކަމުގައެވެ.

ޑްރޯންގެ ހިދުމަތް ފުރަތަމަ ފަށާނީ ލެބޯޓްރީ ނެތް ރަށުން ކަން ފާހަގަކުރައްވާ އާދިލު ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިއްހީ ދާއިރާ ކުރިއެރުވުން ކަމަށެވެ.

މޯލްޑިވްސް ހެލްތު ލައިން ޕްރޮޖެކްޓަކީ 54.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. ހެލްތު މިނިސްޓްރީން ބުނެފައިވަނީ ދަތުރުތަކުގައި ބޭނުން ކުރާ ހައި ސްޕީޑް ލޯންޗުތަކަށް 50 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަދި ޑްރޯންތަކަށް 4.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް