ads
ހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫއުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކުރުން - ފޮޓޯ:އެމްޓީސީސީ
ހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫއު ފެށުމަށް ސައިޓް މޮބިލައިޒްކޮށްފި
ލ. ހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 75.2 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހިތަދޫ އާއި ކުނަހަންދޫއަކީ ޒަމާނުއްސުރެވެސް އެކުވެރި ގުޅުން ބަދަހި ދެ ރަށެވެ. މީގެ 20 އަހަރު ކުރިން ހިތަދޫއަށް ކުނަހަންދޫ ރައްޔިތުން ބަދަލުވެ، އަލުން އަނބުރާ ކުނަހަންދޫއަށް ދިއުމާ ހަމައަށް، އޭރުގައި އުފެދިފައިވާ އާއިލީ ގުޅުންތައް މިއަދާ ހަމައަށްވެސް ދެ ރަށުގައި ލާމެހިފައި އެބައޮތެވެ. މި ދެ ރަށުގެ އާބާދީ އެއްކޮށްލުމުން 2،209 މީހުންގެ ހެޔޮވަރުގެ އާބާދީއެއް ހަމަވެއެވެ.

ހިތަދޫގައި ކަނޑުމަހުގެ މަސްވެރިކަން ރަނގަޅަށް ކުރާ ހަތް އޮޑިފަހަރު އޮންނައިރު ރަނގަޅު ފެންވަރަކަށް ދަނޑުވެރިކަންކުރާ ފަރާތްތައް ކުނަހަންދޫގައި ދިރިއުޅެއެވެ. އަދި މި ދެ ރަށުގެ ރައްޔިތުންނަކީ އެކި ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ކޮންމެ ދުވަހަކުހެން ދަތުރުކޮށްހަދާ ރައްޔިތުންތަކެކެވެ. ކުނަހަންދޫ ރައްޔިތުން ހިތަދޫ މަސްދޯނިފަހަރު މަހަށްގޮސް އުޅޭއިރު، ހިތަދޫ ރައްޔިތުން ދަނޑުވެރިކަމުގެ އެކި ބޭނުންތަކަށް ކުނަހަންދޫއަށް އައިސް އުޅެއެވެ. އެމްޓީސީސީން ބުނެފައިވަނީ މި ދެ ރަށް ކޯޒްވޭއަކުން ގުޅުމަކީ، އޭގެ ސަބަބުން ދެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ދަތުރުފަތުރާއި އިގުތިސޯދީ ގޮތުންނާއި އަދި އިޖުތިމާއީ ގޮތުން ހޯދައިދޭނެ ކަމެއްގެ ގޮތުގައި އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ.

މި ކޯޒްވޭއިން ހިތަދޫ އާއި ކުނަހަންދޫގެ އިތުރުން އެ ދެ ރަށުގެ ދޭތެރޭގައި އޮތް "މެންދޫ" ކިޔާ ފަޅު ރަށްވެސް ގުޅާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މެންދޫއަކީ މުސްތަގުބަލުގައި މި ދެ ރަށުގެ ރައްޔިތުންނަށްވެސް އިގުތިސޯދީ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު އޮތް ރަށަކަށް ވީތީ، މި ކޯޒްވޭ ވެގެންދާނީ ހިތަދޫއަށާއި ކުނަހަންދޫއަށް މި ގޮތުން ދިރުން ގެނުވާނެ ކޯޒްވޭ އަކަށް ކަމުގައެވެ.

your imageހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫއުގެ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒްކުރުން - ފޮޓޯ:އެމްޓީސީސީ

ހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫއުގެ ދަށުން 22،408 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 390 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ސްކައުރިން އޭޕްރަން ހެދުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި 225 މީޓަރުގެ ބްރިޖެއް އެޅުމާއި 3،006 އަކަ މީޓަރުގެ ކެރިއެޖްވޭއެއް ހެދުމާއި 85 މީޓަރުގެ ރިޓެއިނިން ވޯލްއެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމުގައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށްފަހުގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް