
މިއާމީއިން މި މެޗު ކާމިޔާބުކުރީ 3-1 އިންނެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި މިއާމީއަށް ލީޑު ނަގައިދިނީ ފަކުންޑޯ ފާރިއާސްއެވެ. ފުރަތަމަ ހާފު ނިމުނީ އެއް ލަނޑުގެ ތަފާތުން މިއާމީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި މިއާމިއަށް ލީޑު ފުޅާކޮށްދިނީ ސާޖިއޯ ބުސްކެޓްސްއެވެ. އޭގެ ފަހުން ލިއޮނާޑޯ ކަމްޕޯ ވަނީ ލަނޑެއްޖަހާ މިއާމީއަށް ފަރަގު ބޮޑު ކޮށްދީފައެވެ. މި ދެލަނޑު ޖެހުމަށްވެސް އެހީތެރިވެދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޓީމުގެ ތަރި ލިއޮނެލް މެސީއެވެ.
ލޮސް އެންޖަލަސްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މެޗުގެ ފަހު ވަގުތުގައި ރްޔާން ހޮލިންގްސްހެޑްއެވެ. މިއީ ކޯނަރެއްގައި އައި ބޯޅައެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއެކު މިއާމީ އޮތީ ލީގު ތާވަލުގެ 27 ވަނާގައެވެ. މުބާރާތުގައި ވާދަކުރަނީ 29 ޓީމެވެ. މެޗުން ބަލިވި ލޮސް އޭނެޖެލަސް އޮތީ 40 ޕޮއިންޓާއެކު ނުވަ ވަނާގައެވެ.