
ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި އެ ގަވާއިދުގައިވާ ގޮތުން ދިގު މުއްދަތަށް ކުއްޔަށް ދެވޭނީ ރިސޯޓެއްގައި ހަދާފައި ހުރި އެޕާޓްމަންޓެއް، ވިލާއެއް ނުވަތަ ކޮޓަރިއެކެވެ.
އެފަދަ ކޮޓަރިތައް ކުއްޔަށް ދޫކުރާއިރު، ކުއްޔަށް ހިފާ ފަރާތަށް އެކަނި ބޭނުން ކުރެވޭގޮތަށް ބިމުގެ ނުވަތަ ފަޅުގެ ސަރަހައްދެއް ކަނޑައަޅައި ކުއްޔަށް ދެވިދާނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ. ގަވާއިދުގެ ދަށުން ރިސޯޓެއް ހަދަމުންދާއިރު ނުވަތަ ހަދަން ފެށުމުގެ ކުރިން ދިގު މުއްދަތަށް ކުއްޔަށް ދެވިދާނެއެވެ.
ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމުގެ ހައްގު ލިބެނީ ރިސޯޓު ހެދުމަށް ރަށް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށާއި ސަބްލީސް ކޮށްފައިވާ ނަމަ އެ ލީސްގެ ވެރިފަރާތަށާއި އިންޓެގްރޭޓެޑް ރިސޯޓެއް ހަދާ ޑިވެލޮޕަރުގެ އިތުރުން އިންޓެގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ވަކި ޓޫރިސްޓް ރިސޯޓެއްގެ ބިން ކުއްޔަށް ހިފާފައިވާ ފަރާތަށެވެ.
ދިގު މުއްދަތަށް ވިލާއެއް ނުވަތަ ކޮޓަރިއެއް ކުއްޔަށް ދޫކުރާ ނަމަ، އެތަނެއް ކުއްޔަށް ދިނުމުގެ ކުރިން ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. އެފަދަ ތަންތަން ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތުން 5،000 ރުފިޔާގެ ފީއެއް މީރާއަށް ދައްކަންވާނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
މި ގަވާއިދުގެ ދަށުން ސްޓާރާޓާ އުސޫލުން ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ކޮޓަރިތަކުގެ ދަފުތަރެއް މިނިސްޓްރީން ބަލަހައްޓަން ޖެހެއެވެ. އެފަދަ ކޮޓަރިތަކުގެ މައުލޫމާތާއި ކުއްޔަށް ހިފާ ފަރާތުގެ މައުލޫމާތު އެ ދަފުތަރުގައި ހިމަނަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެއެވެ.