ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންނެވުމުން އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޑިމޮކްރެޓްސް އުފެއްދި އިރު ހަސަން ޝިޔާނަކީ އެ ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި އެއް މެންބަރެވެ.
ޝިޔާނު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އެ ޕާޓީގެ މިސްރާބު މިހާރު ޖަހާފައި ހުރީ ހަރުކަށި ފިކުރާއި، އަނިޔާވެރިންގެ ފަހަތަށް ދީލާލަން ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓްސްގައި ދެން ތިބި މެންބަރުން ވެސް އެޕާޓީ ދޫކޮށް އެމްޑީޕީއާއި ގުޅުމަށް ޝިޔާނު ވަނީ ގޮވާލައްވާފައެވެ.
ޑިމޮކްރެޓްސް އުފެއްދުމަށްފަހު އެޕާޓީއާއި ގުޅިވަޑައިގެންނެވުމަށްފަހު ރައީސް ނަޝީދުވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ވިދާޅުވެފައެވެ. ޑިމޮކްރެޓްސްއިން ރިޔާސީ ކެންޑިޑޭޓަކު ނެރެ ކެމްޕޭނު ކުރަމުންދާ އިރު އަތޮޅު ތެރޭގެ ބައެއް ރަށްރަށުން ކޮންމެވެސް ވަރަކަށް އެޕާޓީއަށްދަނީ ތަރުހީބު ލިބެމުންނެވެ. ބައެއް ރަށްރަށުގައި ތިބި އެމްޑީޕީގެ ބައެއް އިސްފަރާތްތަކާއި ކައުންސިލަރުން ވެސް ދަނީ ޑިމޮކްރެޓްސްއާއި ގުޅެމުންނެވެ. ނަމަވެސް އެގޮތަށް ޑިމޮކްރެޓްސްއާއި ގުޅޭ ބައެއް މެންބަރުންދަނީ އަނެއްކާ ވެސް އެމްޑީޕީއާއި ގުޅެމުންނެވެ.
ޑިމޮކްރެޓްސްއަށް ނިސްބަތްވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު ވެސްވަނީ ދާދި ފަހުން އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.