ކޮލިފިކޭޝަންގެ ގްރޫޕް ބީގައި ކުޅުނު މި މެޗު ނެދަލެންޑްސްއިން ކާމިޔާބުކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އަޔަލެންޑް ޓީމުންނެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި އަޔަލެންޑަށް ލީޑު ނަގައިދިނީ އާދަމް އިދާއެވެ.
މިއީ ނެދަލެންޑްސްގެ އޭރިއާ ތެރެއިން ކެޕްޓަން ވާޖިލް ވެން ޑައިކްގެ އަތުގައި ބޯޅަ ޖެހުމުން، އަޔަލެންޑަށް ލިބުނު ޕެނަލްޓީއަކުން އާދަމް ކާމިޔާބުކުރި ލަނޑެކެވެ.
ނަމަވެސް ނެދަލެންޑްސްއިން ވަނީ ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމުންވެސް ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ޑެންޒެލް ޑަމްފްރީއަސް އަޔަލެންޑްގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީގައި ނެދަލެންޑްސްއަށް ނަތީޖާ އެއްވަރު ކޮށްދިނީ ކޯޑި ގަކްޕޯއެވެ.
ނެދަލެންޑްސް މޮޅުވީ ދެވަނަ ހާފުގައި ޑަމްފްރީސްގެ އެހީތެރިކަމާއެކު ވޯޓް ވޭހޯސްޓް ޖެހި ލަނޑުންނެވެ.
މި ނަތީޖާއާއެކު ޖުމްލަ ނުވަ ޕޮއިންޓް ހޯދައިގެން ނެދަލެންޑްސް އޮތީ ތާވަލުގެ ދެވަނަ މަގާމުގައެވެ. އެއަދަދަށް ޕޮއިންޓު ހޯދާފައިވާ ގްރީސްއަށް ތިންވަނަ ލިބެނީ ފައިދާ ގޯލުން ނެދަލެންޑްސް ކުރީގައި އޮތުމުންނެވެ. މެޗުން ބަލިވި އަޔަލެންޑް ހަތަރުވަނާގައި އޮތް އިރު ތާވަލުގެ ފުލުގައި އޮތީ ގިބްރަލްޓާއެވެ. ޖުމްލަ 15 ޕޮއިންޓާއެކު އެއްވަނާގައި އޮތީ ފްރާންސެވެ.