
ކޮލިފިކޭޝަން ގްރޫޕް ޖޭގެ މި މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައިވެސް ޕޯޗުގަލްއިން ހަތަރު ލަނޑު ޖެހިއެވެ.
މި މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ނުކުޅެވުނެވެ. އޭނާ ވަނީ ދެރީނދޫކާޑު ހަމަވުމުން މި މެޗަށް ސަސްޕެންޑް ވެފައެވެ. އެހެންކަމުން ބްރޫނޯ ފެނާންޑޭޒްއަށް މި މެޗުގައި ލީޑް ރޯލެއް އަދާ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޮންސާލޯ އިނާސިއޯ އާއި ގޮންސާލޯ ރާމޯސް ވަނީ ކޮންމެ ކުޅުންތެރިއެއް ދެލަނޑު ޖަހާފައެވެ. ދެވަނަ ހާފުގައި އިތުރު ލަނޑެއް ޖަހާ އިނާސިއޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މީގެ އިތުރުން ޕޯޗުގަލްގެ ލަނޑުތައް ޖެހީ ޑިއޯގޯ ޖޮޓާ، ރިކާޑޯ ހޯޓާ، ބްރޫނޯ ފެނާންޑޭޒް އަދި ޖޯ ފިލިކްސްއެވެ. މީގެ ތެރެއިން ޖޮޓާ ވަނީ ދެލަނޑު ޖަހާފައެވެ.
މި ނަތީޖާއާއެކު ޕޯޗުގަލްއިން ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ. ޕޯޗުގަލްއިން ކުޅުނު ހަ މެޗުން 18 ޕޮއިންޓު ހޯދައިގެން ތާވަލުގެ އެއްވަނާގައި އޮތްއިރު، ދެވަނާގައި އޮތް ސްލޮވާކިއާއަށް ލިބެނީ 13 ޕޮއިންޓެވެ. މެޗުން ބަލިވި ލަކްސަމްބާގް ތިންވަނާގައި އޮތީ 10 ޕޮއިންޓު ހޯދައިގެންނެވެ. ހަތަރުވަނާގައި އޮތް ބޮސްނިއާ އާއި ފަސް ވަނާގައި އޮތް އައިސްލެންޑަށްވެސް ލިބެނީ ހަ ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ ލިޗްޓެންސްޓެންއެވެ.