ads
ފަރެސްމާތޮޑާ އެއާޕޯޓުގައި މޯލްޑިވިއަންގެ ބޯޓެއް: މޯލްޑިވިއަން އާއި އެމިރޭޓްސް ގުޅިގެން ހިދުމަތްދޭ އެއްބަސްވުން ވަނީ އާކޮށްފައި - ފޮޓޯ:ޕްލޭނިން މިނިސްޓްރީ
މޯލްޑިވިއަން އާއި އެމިރޭޓްސް ގުޅިގެން ހިދުމަތްދޭ އެއްބަސްވުން އާކޮށްފި
ދުނިޔޭގެ އެންމެ މަޝްހޫރު އެއް އެއާލައިން އެމިރޭޓްސް އާއި ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ބައެއް ހިދުމަތްތައް ދިނުމަށް ހެދި އެއްބަސްވުން އާކޮށްފިއެވެ.

މޯލްޑިވިއަނުން އެމިރޭޓްސް އާއެކު ހެދި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 16 މަންޒިލަކަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެއެވެ.

މި ދެ އެއާލައިނުން އެންމެ ފުރަތަމަ އިންޓަލައިން އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.

މި އެއްބަސްވުމުގެ ދަށުން ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމުގެ އިތުރުން ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގައި ގުޅިގެން މަސައްކަތް ކުރެވޭނެއެވެ.

މޯލްޑިވިއަން އާއި އެމިރޭޓްސްއިން ހެދި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް ދަތުރު ކުރާ ދަތުރުވެރިންނަށް އެއް ޓިކެޓަކުން ދެ އެއާލައިންގެ ދަތުރުތައް ކުރެވޭނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން އިންޓަނޭޝަނަލް ދަތުރުތަކާއި ޑޮމެސްޓިކް ދަތުރުތައް ގުޅުވާލައިގެން ދަތުރުކުރަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން ވިދާޅުވިއެވެ.

"ރާއްޖޭގެ ގިނަ މަންޒިލްތަކަށް ދަތުރުކުރަން ފަސިންޖަރުންނަށް މިއީ ބޮޑު ފަސޭހައަކަށްވާނެ. މިއީ ރާއްޖޭގެ އެންމެ ބޮޑު އެއާލައިންގެ ގޮތުގައި ދެމިއޮންނަން މޯލްޑިވިއަންއަށް ލިބުނު އިތުރު ފުރުސަތެއް،" - މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން

އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދްނާން ކާޒިމް ވިދާޅުވި ގޮތުގައި މި އެއްބަސްވުން އާކުރެވުމުން ކަސްޓަމަރުންނަށް ދަތުރުކުރުމުގައި މިހާރަށްވުރެ ފަސޭހަވާނެ ކަމަށާއި ރާއްޖެ އައިސް ޑޮމެސްޓިކް ދަތުރުތައް ކުރަން އިތުރަށް ފަސޭހަވާނެ ކަމުގައެވެ.

"މެދުއިރުމައްޗާއި އެމެރިކާ އާއި ޔޫރަޕާއި އެފްރިކާއިން ރާއްޖެ ދަތުރުކުރާ އެމިރޭޓްސްގެ ފަސިންޖަރުންނަށް އެމީހުންގެ ފައިނަލް މަންޒިލާ ހަމައަށް ދާން ޓިކެޓް ބުކް ކުރެވޭނެ. އެއް ޓިކެޓަކުން ފައިނަލް މަންޒިލާ ހަމައަށް ދަތުރު ކުރެވޭނެ،" - އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދްނާން ކާޒިމް

މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އުދުހެވޭނެ ރާއްޖޭގެ ޑޮމެސްޓިކް މަންޒިލުތަކަކީ:

  • ބ. ދަރަވަންދޫ
  • ގދ. ފަރެސްމާތޮޑާ
  • ށ. ފުނަދޫ
  • ފުވައްމުލައް ސިޓީ 
  • ސ. ގަން
  • ގއ. ކޫއްޑޫ
  • ހދ. ހަނިމާދޫ
  • ކުޅުދުއްފުށި ސިޓީ
  • ހއ. ހޯރަފުށި
  • ގދ. ކާޑެއްދޫ
  • ލ. ކައްދޫ
  • ޅ. މަޑިވަރު
  • ނ. މާފަރު
  • ގދ. މާވަރުލު
  • ތ. ތިމަރަފުށި
  • ރ. އިފުރު

އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނަ ފްލައިޓްތައް ބާއްވާ އެއް އެއާލައިނެވެ. އެ އެއާލައިނުން ވީއައިއޭއަށް އެވްރެޖުކޮށް ދުވާލަކު ހަތަރު ފްލައިޓް ޖައްސައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް