
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި މަޖިލީހުގެ ސޯޝަލް މީޑިއާ ވަސީލަތްތައް މެދުވެރިކޮށް އާންމުކުރެއްވި ހިތާބެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ޑިމޮކްރެޓިކް ނިޒާމު ބަލައިގަތްފަހުން ދައުލަތުގެ ތަނަވަސްކަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ޓެކުހުގެ ނިޒާމާ އެކު ދައުލަތުގެ އާމްދަނީ ހަތް ބިލިއަނުން 30 ބިލިޔަނަށް އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޑިމޮކްރެޓިކް ނިޒާމު ހިފެހެއްޓުމަށް ޓަކައި ކުރަން ޖެހޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކަމަށެވެ. އޭގެތެރެއިން އެންމެ ހާއްސަ ކަމަކީ އިންތިހާބުތަކަކީ މިނިވަން ދެފުށް ފެންނަ ގޮތަށް ބޭއްވޭ އިންތިހާބުތަކަކަށްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބުތަކުގައި އެއްވެސް ފަރާތަކުން ސަރުކާރުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު ބޭނުން ނުކުރުމަކީ މިނިވަން އިންސާފުވެރި، ދެފުށް ފެންނަ އިންތިހާބުތަކަށް ހެދުމަށް މުހިންމު ކަމެއް ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމަކީ ޑިމޮކްރަސީއަކަށް ކޮންމެހެން ބޭނުންތެރި ކަންތައްތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން ރާއްޖޭގައި މިވަގުުތު އޮތް ގޮތާ މެދު ސުވާލު އުފެދޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް އޮތް ނަމަވެސް އަޒުމުކަނޑައަޅަންވީ ކުރިއަށް އޮތް ތަނުގައި ކަންތައްތައް ރަނގަޅުކުރަމުން ގެންދިއުމަށް ކަމުގައެވެ.
މި އަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރަކީ "އެމްޕަވަރިން ދަ ނެކްޓް ޖެނެރޭޝަން" ނުވަތަ "އަންނަން އޮތް ޖީލު ބާރުވެރިކުރުވުން" ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޒުވާން ކެންޑިޑޭޓުން ތިއްބެވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.