ads
ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީ ތަކުގެ ލީޑަރުން
ދުނިޔޭގެ ޑިމޮކްރަސީ ދުވަހުން ބުނެދެނީ ކީކޭ
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހަކީ، ދުނިޔޭގައި، ބައިނަލްއަގްވާމީ ފެންވަރެއްގައި ފާހަގަކުރާ ޑިމޮކްރަސީ ދުވަހެވެ. މިދުވަސް ބައިނަލްއަގްވާމީ ފެންވަރެއްގައި ފާހަގަކުރަން ނިންމީ 2007 ވަނައަހަރު، ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) އިން ފާސްކޮށްފައިވާ ރިޒޮލިއުޝަންސް އަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ދުބިޔޭގެ ޑިމޮކްރަސީގެ ދުވަސް ހަގީގަތުގައި ނިސްބަތްވަނީ، 1997 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަދުވަހު، ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނުހަދާ މަޖިލީހަށް ނިސްބަތްވާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ކަމަށްވާ އިންޓަ ޕާލަމެންޓްރީ ޔޫނިއަން ނުވަތަ އައިޕީޔޫ އިން ފާސްކުރި ޔުނިވާސަލް ޑެކްލަރޭޝަން އޮން ޑިމޮކްރެސީއަށެވެ. އޭގެ ފަހުން ގަތަރު އިސްވެއޮވެ، ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ 2007 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ޔޫއެންޖީއޭ އިން "ސަޕޯޓް ބައި ދަ ޔުނިއިޓެޑް ނޭޝަންސް ސިސްޓެމް އޮފް އެފަޓްސް އޮފް ގަވަންމެންޓްސް ޓު ޕްރޮމޯޓް އެންޑް ކޮންސޮލިޑޭޓް އަ ނިއު އޯ ރިސްޓޯޑް ޑިމޮކްރެސީސް"ގެ ނަމުގައި މުއާހަދާއެއް އެކުލަވާލާ އަމަލުކުރަން ފެއްޓުމެވެ.

މިއާއެކު އައިޕީޔޫ އިން، މިދުވަސް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަދުވަހު ފާހަގަކުރުމަށް މަސައްކަތްކުރުމަށް ގޮވާލިއެވެ. އެއްމެ ފުރަތަމަ ޑިމޮކްރެސީގެ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވިގެން ދިޔައީ 2008 ވަނައަހަރުއެވެ.

ކޮންމެ އަހަރެއްގެ ޑިމޮކްރަސީ ދުވަސްވެސް ފާހަގަ ކުރެވިގެންދަނީ މުޅިން އައު ޝިއާރަކާއެކު އެވެ. މިގޮތުން މިއަހަރުގެ ޑިމޮކްރަސީ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ "އެމްޕަވަރިންގް ދަ ނެކްސްޓް ޖެނެރޭޝަން" އެވެ.

ބައިނަލްއަގްވާމީ ފެންވަރެއްގައި ޑިމޮކްރަސީ ދުވަހެއް ފާހަގަކުރަމުންދާއިރު، ދިވެހިންނާއި ޑިމޮކްރަސީ އާއި އޮތް ގުޅުމުގެ މައްޗަށް ކޮންމެވެސް ވަރަކަށް ބަލާލަމާ ހިންގަވާށެވެ.

ސެޕްޓެމްބަރު 19، 2003 ގައި ދިވެހި ޒުވާނުންތަކެއްގެ ލޭ ޖަލުގައި އޮހޮރުވާލި ހާދިސާ އަކީ ދިވެހިންނަށް އިންސާނީ އެންމެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިން ގާނޫނުއަސާސީއަކާ ދިމާއަށް ދާން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަޖުބޫރުކުރުވި ދުވަހެވެ. އެއާއެކު، އޭރު އަމަލުކުރަމުންދިޔަ ގާނޫނު އަސާސީ އިސްލާހުކުރުމަށް، ހާއްސަ މަޖިލީހެއް އެކުލަވާލެވި، އެމަސައްކަތްވެސް ފެށިގެން ދިޔައެވެ.

އޭގެ ފަހުން ދެން އައި ފަސް އަހަރު ދިވެހިރާއްޖެ ތަޖުރިބާކުރީ އާ ގާނޫނުއަސާސީއެއްގެ ހިމާޔަތް ހޯދަން އޭރުގެ އެތައް ހާސް ދިވެހިން ކުރި ބުރަ މަސައްކަތެވެ. އޭގެފަހުން އޯގަސްޓް 7، 2008 ގައި، ދިވެހިން ޑިމޮކްރަސީ ހޯދުމަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާގެ ފުރަތަމަ އިނާމް ލިބިގެންދިޔައެވެ. އިސްލާހު ކުރެވިގެންދިޔަ ގާނޫ އަސާސީ ތަސްދީގުކުރެވުމާއެކުއެވެ. އޭރު، ސިޔާސީ ޕާޓީތައް ވެސް ވަނީ އުފެދި، ހަރަކާތްތެރިވާން ފަށާފައެވެ.

އަލަށް އެކުލަވާލެވުނު އައު ގާނޫއަސާސީގެ ދަށުން، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިވެހިންނަށް ލިބިގެން ދިޔައެވެ. ނޫސްވެރިކަމުގެ މިނިވަންކަން ލިބި، ހަމައެކަނި ޓީވީ މޯލްޑިވްސް އާއި، ދިވެހިރާއްޖޭގެ އަޑުގެ ނަމުގައި ހިންގި ރޭޑިއޯ ޗެނަލް ބަލައިގެން ނުވަތަ އަޑުއަހައިގެން ތިބި ދިވެހިންނަށް މުޅިން އަލަށް، އައު ޓީވީ ޗެނަލް ތަކާއި، ރޭޑިއޯ ޗެނަލް ތައް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. ސަރުކާރަށް ފާޑުކިއުމަކީ، އުމުރަށް ޖަލަށްދާންޖެހޭނެ ކަމެއްކަމަށް ދެކިގެންތިބި ދިވެހިންނަށް، ސަރުކާރަށާއި، ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާނެ ފުރުސަތު ލިބިގެންދިޔައެވެ.

ކުރިން އެއްވެފައި އޮތް ދައުލަތުގެ ބާރުތައް ވަކިކުރެވި، ސަރުކާރު ހިންގުމުގެ ބާރާއި، ޝަރީއަތް ހިންގުމުގެ ބާރު އަދި ގާނޫނު ހެދުމުގެ ބާރު ވަކިކުރެވިގެން ދިޔައެވެ. ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އަމިއްލައަށް ހުށަހަޅާ ބިލްތަކަށް ބަހުސްކުރުމުގެ ފުރުސަތުވެސް ލިބިގެން ދިޔައެވެ.

ގިނަ ޕާޓީތަކެއް އެކުލެވޭ ރިޔާސީ އިންތިހާބެއް އެއްމެ ފުރަތަމަ ފަހަރަށް ތަޖުރިބާ ކޮށްލަން ފުރުސަތު ލިބިގެން ދިޔައެވެ. ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަން ބޭނުންފުޅުވާ ބޭފުޅުންގެ ފަރާތުން މެނިފެސްޓޯ ތަކެއް ހުށަހެޅި، އެއަށް ފާޑުކިޔައި، އަޅާކިޔާލަން ފުރުސަތު ލިބިގެންދިޔައެވެ. ރަށްރަށުގެ އަސާސީ ހިދުމަތްތަކަކީ ހަމައެކަނި ރައީސް އޮފީހުން ކަނޑައަޅާ ކަތީބު ބޭނުފުޅުވީމާ ލިބޭނެ އެއްޗެއްކަމަށް ދެކިގެންތިބި ރައްޔިތުންގެ އެތަކެއް ދުވަސްވީ އިންތިޒާރުތަކަށް ނިމުމެއް އައެވެ.

ކޮންމެއަކަސް ޑިމޮކްރެސީއެއް ގެނައުމަށް ބޮޑެތި ގުރުބާނީތަކެއްވެ، އެ ލިބުނު މޭވާވެސް ދިވެހިން ތަޖުރިބާ ކޮށްފިއެވެ. އެހެންނަމަވެސް، ދިވެހިން އުއްމީދުކުރި، މޭވާ އެލިބުނު ޑިމޮކްރެސީއާއެކު ލިބުނުކަމަށް ދެންނެވޭނެ ޖާގައެއް އޮތްކަމަށް ބެލެވޭކަށް ނެތެވެ. އޭގެ އެއްމެ ބޮޑު އެއް ހެއްކަކީ ކޮންމެ 5 އަހަރަކުން އެއްފަހަރު، ދިވެހިން ބަދަލަކަށް ބޭނުންވާ ބޭނުންވުމެވެ. މާނައަކީ، އުއްމީދު ކުރި ބަދަލު، ނުވަތަ ލިބެންޖެހޭކަމަށް ގަބޫލުކުރާ ހައްގުތައް އަދިވެސް ލިބެން ނުދާކަމެވެ. ސިޔާސީ ލީޑަރުން މިކަމާއި މެދު ވިސްނާ، ދިވެހިންނަށް ހައްގު މިންވަރު ހޯދައިދެއްވުމަށް، ސިޔާސަތުތަކަށް ބަދަލު ގެންނަން ވިސްނަވާނެ ކަމަށް ކަށަވަރެވެ.

މިއަދު ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީގެ ދުވަސް ފާހަގަ ކުރާއިރު، ރާއްޖޭގެ ވެރިކަމުގެ ބާރުތަކުގެ ތެރެއިން ދެބާރެއްގެ ވެރިންގެ ގޮތުގައި ތިއްބެވީ، މި ޑިމޮކްރެސީ ރާއްޖެ ގެނައުމަށް އެއްމެ ބޮޑަށް މަސައްކަތްކުރެއްވި ފަރާތްތަކުގެ ތެރެއިން ދެ ފަރާތެވެ. ސަރުކާރު ހިންގުމުގެ ބާރުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވި އިރު، ގާނޫ ހަދާ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ، ރާއްޖޭގައި އެއްމެ ފުރަތަމަ ބޭއްވި ގިނަ ޕާޓީ ތަކެއް އެކުލެވޭ ރިޔާސީ އިންތިހާބުން އިންތިހާބުވެ ވަޑައިގަތް ރައީސް މުހައްމަދު ނަޝީދެވެ.

ރައްޔިތުންގެ ހައްގުތަކަށް ހޯދައިދިނުމަށް މަގުތަކަށް ނިކުމެ އެތަކެއް ގުރުބާނީ އެއް ވެވަޑައިގަތް ދެބޭފުޅުންނަށް، މިއަދު މިއޮތީ އެބޭފުޅުން އެއްމެ ބޮޑަށް ވަކާލާތު ކުރެއްވި ހައްގުތައް އެއްމެ ފުރިހަމައަށް ހޯދައި ދެވޭނެ ފުރިހަމަ ބާރާއި އިހްތިޔާރު ލިބިފައެވެ. އެހެންނަމަވެސް، ސުވާލަކީ، އެ ދެބޭފުޅުންވެސް އޭރު ވަކާލާތު ކުރެއްވި ހައްގުތަކާއި، ޑިމޮކްރެސީގެ މޭވާ ދިވެހިންނަށް ރަނގަޅަށް ލިބެމުންދޭތޯއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް