މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް ދެ ދުވަހުގެ ތެރޭގައި 25،493 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވެފައިވަނިކޮށެވެ.
ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަންގެ ފުރަތަމަ ދުވަހު 9206 މީހުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހެޅި ކަމަށެވެ. އަދި ދެވަނަ ދުވަހު 16،287 ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ޖުމްލަ 25،493 މީހުނުް ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
އޭގެތެރެއިން އޮންލައިންކޮށް ފުރަތަމަ ދުވަހު 7267 މީހުން ރީރަޖިސްޓްރީކުރަން ހުށަހެޅިއިރު، ދެވަނަ ދުވަހު 11،082 މީހުން އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހެޅިކަން ހަބީބް ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާގުޅޭ ފަރާތްތަކުން ސީރިއަސްކޮށް ބަލަންޖެހޭ ކަމެކެވެ.
ސެޕްޓެމްބަރު 30، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރީ-ރެޖިސްޓަކުރުމުގެ މުއްދަތު ހަމަވާނީ މިއަދު 4:00 ގަ އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި 50،000 އަށް ވުރެ ގިނަ މީހުން ވޯޓު ލާން ނުނިކުންނަ އިރު، ދެވަނަ ބުރުގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓްރީ ކުރަމުން އަންނަނީ، ހުށަހަޅާ މީހާ އަށް ނޭނގި، ވޯޓުތަކެއް ގެއްލުވައިލަން ކަމަށް ތުހުމަތުތައް ދަނީ ކުރަމުންނެވެ.
އިންތިޚާބުގެ ދެވަނަބުރުގައި 282803 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. އޭގެތެރެއިން 408މީހުންނަކީ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ޒުވާނުންނެވެ.
މިމަހު 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ.