މައުލޫމާތު ލިބިފައިވާ ގޮތުގައި މާލެއަށް މިރޭ އިރާކޮޅުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި، ހެންވޭރުގައި ހުންނަ ފެމިލީ ކޯޓުގެ އިމާރާތުގެ ފުރާޅުގެ އެކި ދިމަދިމާލުން ވަރަށް ގިނަ އަދަދަކަށް ފެން ފޭބުމުން ބައެއް ޑޮކިއުމަންޓްތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކަށް ވަނީ ގެއްލުން ވެފަ އެވެ. އެކަމާ ގުޅިގެން މާދަމާ އެ ކޯޓުން ދޭން ޖެހޭ ހިދުމަތްތަކަށްވަނީ ބުރޫ އަރާފައެވެ.
ސެނަހިޔާ ހޮސްޕިޓަލް ކައިރީގައި ހުންނަ ފެމިލީ ކޯޓުގެ އިމާރާތުގައި ކުރިއަށް ގެންދަނީ ކައިވެންޏާ ގުޅޭ ހުރިހާ ކަމެކެވެ. ކައިވެނި ކޮށްދިނުމާއި ކައިވެންޏާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ބަލަހައްޓަނީ އެ ތަނުންނެވެ. ވިއްސާރައާއި ގުޅިގެން މާދަމާއަށް ތާވަލު ކުރެވިފައިވާ ސުލްހައިގެ ސެޝަންތައްވަނީ ކެންސަލްކޮށްފައެވެ. އަދި ކައިވެންޏާ ގުޅޭ ކަންކަންވަނީ ވަގުތީ ގޮތުން ޖަސްޓިސް ބިލްޑިންގައި ހުންނަ ފެމިލީ ކޯޓުގެ ބަޔަށް ބަދަލު ކޮށްފައެވެ. މީގެ އިތުރުން އިއްދައިގެ ހަރަދާއި ދަރިންގެ ހަރަދާ ގުޅޭ ކަންކަންވެސް ޖަސްޓިސް ބިލްޑިންގަށްވަނީ ބަދަލުކޮށްފައެވެ.
ފެމިލީ ކޯޓުގެ ފުރާޅުން ފައިބާ މައްސަލަ ކަމާ ބެހޭ އިދާރާ އަށް ހުށަހަޅާފައިވާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެއީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބަލަހައްޓާ އިމާރާތެކެވެ.