ads
ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
އެމްޑީޕީ މެމްބަރުންގެ ތާއީދާ އެކު ނިޒާމީ ވޯޓުގެ ގަރާރު ބަލައިގެންފި
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އާއްމު ވޯޓެއް ނެގުމަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ގަރާރު ބަލައިގަތުމަށް، ވެރިކަން ކުރާ އެމްޑީޕީގެ މެމްބަރުންގެ ވެސް ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުން ދެންމެއަކު ފާސްކޮށްފި އެވެ.

މި ގަރާރު މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވި 35 މެންބަރުންގެ ވޯޓުންނެވެ. 

މަޖިލީހަށް ގަރާރު ބަލައިގަތުމާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމު ހުށަހެޅުއްވީ މި ގަރާރު ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ އެމްޑީޕީ ތަމްސީލުކުރައްވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް އެވެ.

މި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފާސްވީ ވޯޓު ދެއްވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ވޯޓަށްފަހު މި ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން އެއްބަސް ކަމަށެވެ. ނަޝީދު ބޮޑަށް ބާރު އަޅުއްވަނީ ނިޒާމީ ވޯޓް ނެންގެވުމަށް ކަމަށާ އެމަނިކުފާނުގެ ހުށައެޅުއްވުމަކީ މި މަހުގެ 25 ގައި އެ ވޯޓް ނެންގެވުން ކަމަށެވެ.

ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެމަނިކުފާނަށް ދަންނަވާފައިވާ ކަމަށާއި، ނިޒާމީ ވޯޓެއް ނެގުމަށް ގޮވާލާ ޑިމޮކްރެޓުން މިހާރު މަޖިިލީހަށް ހުށަައަޅާފައިވާ ގަރާރު ފާސްކޮށް އެމަނިކުފާނުގެ އަރިހަށް ފޮނުއްވުމުން ނޮވެންބަރު 17 ގެ ކުރީން އެ ވޯޓް ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގައި ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެ ނަމަ ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް މަޖިލީހަށް ނެގޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"...އެއީކީ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރެއް އޮތް ކަމެއް ނޫން،" ގަރާރު ފާސްކޮށް އާންމު ވޯޓެއް ނަގަން އީސީއަށް އެންގުމުން އެކަން ކުރުން އެ ކޮމިޝަނުގެ މައްޗަށް ލާޒިމުވާނެކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ

އިލްޔާސްގެ ގަރާރުގައި ބުނެފައިވަނީ، 2008 ވަނަ އަހަރު ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއަށް 15 އަހަރު ވެފައިވާއިރު، އެ ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބަކަށް ބެލިކަމުގައި ވީނަމަވެސް، އެއީ ކޮންމެ ރިޔާސީ އިންތިހާބެއްވެސް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކަށް ވޯޓުލުމުގެ ބަދަލުގައި ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ އެއިރެއްގެ ސަރުކާރުގައި ހުންނަ ވެރިމީހާ ކަމުނުގޮސްގެން އޭނާ ވެރިކަމުން ބާލައި ވެރިކަން ބަދަލުކުރުމަށް ކަމަށެވެ.

ގަރާރުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް މީހަކު އިންތިހާބުވާނީ ވޯޓުދިން މީހުންގެ ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު އެމީހަަކަށް ލިބިގެންކަމަށްވާއިރު، މިހާތަނަށް ރިޔާސީ އިންތިހާބަކަށް ކުރިމަތިލި އެއްވެސް ކެންޑިޑޭޓަކަށް ކޯލިޝަން ހެދުމަކާ ނުލައި އިންތިހާބުގެ ފުރަތަމަ ބުރުން ފަންސާސް އިންސައްތައަށްވުރެއް ގިނަ ވޯޓު ކާމިޔާބު ކުރެވިފައި ނުވާކަމަށެވެ.

އިލްޔާސް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ 30 އޮކްޓޫބަރު 2023 ގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް އެ މައްސަލަ ހުށަހެޅުމަށެވެ.

އެމްޑީޕީއާއި ޑިމޮކުރެޓުންގެ މެދުގައި މިވަގުތު ވެސް މަޝްވަރާތައް ކުރިއަށް ދާއިރު، ކުރިއަށް އޮތް 48 ގަޑިއެއް ހާއިރުގެ ތެރޭގައި ޑިމޮކުރެޓުން ނިންމާ ނިންމުމެއް ރަސްމީކޮށް އިއުލާނު ކުރާނެ ކަމަށް ބެލެވެ އެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް ހުށަހެޅުމުން ވެސް ދަ ޑިމޮކްރެޓްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް