ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ސެޕްޓެމްބަރު މަހު އެކަނި ގްރީން ޓެކްސްގެ ގޮތުގައި 88 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ ރިސޯޓުތަކުން ކަމަށްވާއިރު، އެއީ 80.7 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ އަދަދެއް ލިބިފައިވަނީ ކ. އަތޮޅުން ކަމަށްވާއިރު، އެއީ 31.4 މިލިއަން ރުފިޔާ އެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއް ލިބިފައިވަނީ އއ. އަތޮޅުން ކަމަށްވާއިރު، އެއީ 10.3 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ގްރީން ޓެކްސްގެ ރޭޓަށް ބަދަލު ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން މިހާރު ހަ ޑޮލަރު ނަގާ ތަންތަނުން 12 ޑޮލަރު ނަގާ ގޮތަށް ބަދަލުކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ތިން ޑޮލަރު ނަގާ ތަންތަނުން ހަ ޑޮލަރު ނެގުމަށް ވެސް ވަނީ ނިންމައިފަ އެވެ.