ads
މުއިއްޒުގެ ކެމްޕެއިން ތަރުޖަމާން މުހައްމަދު ތޮލާލް ނިއުސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
ރިޔާސީ އިންތިހާބަށް ފަހު؛ ނިޒާމީ ވޯޓަކަށް ދާން ތާއީދު: އިދިކޮޅު
ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގައި މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން އެ ކަމަށް ވަގުތު ނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

ނިޒާމީ ވޯޓަކަށް ދާން އެންމެ ބޮޑަށް ބާރު އަޅަމުންދަނީ ދަ ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން އަންނަނީ މި މަހުގެ 28 ގައި ނިޒާމީ ވޯޓު ނެގުމަށް ގޮވާލަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ވެރިކަމުގެ ނިޒާމު 2007 ވަނަ އަހަރު ބަދަލުކޮށްފައި އޮތީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށާއި ދެން ވެސް ރާއްޖޭގައި ފެންނަން އޮންނަ ވެރިކަމުގެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށްވާއިރު ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް އެފަދަ ވޯޓަކަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ފުރުސަތެއް ނެތް ކަމަށް ތޮލާލް ވިދާޅުވި އެވެ.

"އިންތިހާބުގެ ފަހުން ވިޔަސް ނިޒާމީ ވޯޓަކަށް ދާން، ރައްޔިތުން ކައިރިން އަހަން އަޅުގަނޑުމެން ތާއީދު، ރައްޔިތުން ގޮތް ނިންމާށޭ." ތޮލާލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަކި ނިޒާމެއް ޕްރޮމޯޓު ކުރަނީކީ ނޫން. އަޅުގަނޑުމެން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަނީކީ ނޫން. އެހެން ނަމަވެސް ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް،"

ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިން ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ތޮލާލް ވިދާޅުވީ އެ ކޯލިޝަނުން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އަބަދުުވެސް ގެންގުޅެމުން އައި ސްޓޭންޑަކީ މި ވަގުތު ރާއްޖޭގެ ސިޔާސީ ހާލަތަށް ބަރުލަމާނީ ނިޒާމު ނުފެތޭ ކަމަށެވެ.

އެހެން ނަމަވެސް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބައެއް ބަދަލުތަކާއި ހަރުދަނާ ގާނޫނުތަކަކާއި އެ ގާނޫނުތައް ތަންފީޒުކުރެވޭ ފަދަ ހަރުދަނާ މުއައްސަސާތަކެއް ގާއިމު ކުރުމަށް ފަހު ބަރުލަމާނީ ނިޒާމެއް ތަންފީޒުކުރުމުގައި ވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އޭރު ވެސް ވިދާޅުވި ވާހަކައާއި އެ ސްޓޭންޑްގެ މަތީގައި އަދިވެސް އަޅުގަނޑުމެން މި ތިބީ،" ތޮލާލް ވިދާޅުވި އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް މިފަދައިން ވިދާޅުވެ ނިޒާމު ބަދަލުކުރުމުގެ ވޯޓަކަށް ތާއީދު ކުރެއްވިއިރު، މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމް ތަމްސީލުކުރައްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލެވޭ އާބާދީގެ 56،900 އެއްހާ މީހުން ވޯޓު ލާން ނުދިއުމުން އެކަމާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އެއީ، ރާއްޖޭގައި 16 އަހަރުވީ ރިޔާސީ ނިޒާމުގެ މައްސަލައެއްގެ ސަބަބުން ރައްޔިތުން އަމަލުކުރި ގޮތެއްތޯ އެ މީހުންގެ ކައިރިން ސާފުކުރުމަކީ އޭނާ ތާއީދުކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުން 16 އަހަރުވީ މި ނިޒާމުގައި ކޮބާތޯ ގޯސްކަމަކީ އަނެއްކާ ވެސް ރައްޔިތުން ކުރެން އަހާލުމަކީ އަޅުގަނޑު ހަމަ ތާއީދުކުރާ ކަމެއް. ރައްޔިތުން ކައިރިން އަހާލައިގެން އަނެއްކާ ރައްޔިތުން ބޭނުންވާ ގޮތަކަށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން ނުރުހޭ ކަމެއް ނޫން، ރުހޭ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

ނިޒާމީ ވޯޓެއް ނަގަން ތާއީދުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި ނަމަވެސް، ގަރާރު މަޖިލީހަށް ބަލައިގަންނަން އޭނާ ވެސް އަދި ޕީޕީއެމް/ޕީއެންސީ ގެ އެއްވެސް މެމްބަރަކު ވެސް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

އިލްޔާސްގެ ގަރާރުގައި ވަނީ އަންނަ އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅުއްވައިފަ އެވެ. އަދި ގާނޫނުއަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން އެކަން ސީދާ މަޖިލީހަށް ކުރެވޭނެ ކަމަށް ނަޝީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން 3 ވަނަ އަށް ދިޔަ ޑިމޮކްރެޓްސްގެ ފަރާތުން، ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި އަރާނޭ ކޮޅެއް ނިންމުމަށް ހުށަހަޅާ ޝަރުތަކީ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ. ޕީޕީއެމްއަށް ވެސް އެ ޝަރުތު ކުރި ނަމަވެސް، އެ ޕާޓީން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ. ނަމަވެސް އެހެން މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް