
އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށްވެސް އެކަށީގެންވާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫ ނޭޝަން ގޭމާސް ލޭންޑްގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗްތަކުގެ އިތުރުން ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން ޓޯނަމެންޓް ހިމެނެއެވެ.
އުރީދޫން ބުނީ ޖުމްލަ 185،000 ރުފިޔާގެ ފައިސާގެ އިނާމާ އެކު "އުރީދޫ ނޭޝަން - ގޭމާސް ލޭންޑް" ވެގެންދާނީ ރާއްޖޭގައި ގޭމް ކުޅޭ ފަރާތްތަކުގެ އެންމެ ބޮޑު އެއްވުމަށް ކަމަށެވެ. މަޖާ އަދި ވާދަވެރި މަގުބޫލް ގޭމުތަކުގެ މުބާރާތްތަކާއި ތަފާތު އެކި ގޭމު ކުޅުމުގެ ތަޖުރިބާ އާއި ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް މި އިވެންޓްގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ގްރޭންޑް ފިނާލޭ (އެއްލައްކަ ރުފިޔާގެ ޕްރައިޒް ޕޫލް)
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އުރީދޫ ނޭޝަން – ގޭމާސް ލޭންޑް ގޭމިން ފެސްޓިވަލްގައި ކަމަށް އެ ކުންފުނިން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި 2022 ވަނަ އަހަރު ބޭއްވި ރޯޑް ޓު 100ކޭ ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑަ ސީރީޒް އެކެއް، ދޭއް އަދި ތިނެއްގެ އިތުރުން ވައިލްޑް ކާޑް އެންޓްރީ ސީރީޒް ކާމިޔާބުކުރި ޖުމްލަ 16 ޓީމެއް ފައިނަލްގައި އެއްލައްކަ ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލަށް ވާދަކުރާނެ ކަމުގައެވެ.
އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގެ ގްރޭންޑް ފައިނަލްގެ އިތުރުން މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އުރީދޫން ބުނެއެވެ. އެ ކުންފުނިން ބުނީ ރަޖިސްޓަ ކުރުމުގެ ތަފްސީލް އުރީދޫ ނޭޝަން ވެބްސައިޓާއި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާ ކުރާނެ ކަމަށެވެ. މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ:
- 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
- 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ރޭސިން ސިމް ޗެލެންޖް
- 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ޓެކެން މުބާރާތް
- 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ކޮސްޕްލޭ މުބާރާތް
އުރީދޫން ބުނެފައިވަނީ ގޭމާސް ލޭންޑަކީ ހަމައެކަނި މުބާރާތްތަކަށް ވުރެ ބޮޑު ފެސްޓިވަލެއް ކަމަށެެވެ. ގޭމިން ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި އެންމެފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން ޖަސްޓް ޑާންސްއަށް ރައްޓެހިންނާ އެކު ނަށާލުމާއި ތްރޯ ދަ ހޫޕް ފަދަ ތަފާތު ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނި ގޮތުގައި ކިޑްސް އެރީނާގައި ގޭމް ކުޅޭ ކުދިންނަށް މަޖާ ގޭމްތަކާއި ޔޫވީ ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް ކުރިއަށްދާނެ ކަމުގައެވެ. މީގެ އިތުރުން ފޮޓޯ ބޫތުތަކުގައި އުރީދޫ ނޭޝަން ގޭމް ފެސްޓިވަލް ހަދާނީ ފޮޓޯތައް ނަގާލެވިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނޭޝަންއިން ހުރިހާ ގޭމަރުންނަށާއި ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށްވެސް ދައުވަތުދެއެވެ. އުރީދޫ ނޭޝަން - ގޭމާސް ލޭންޑް އާ ބެހޭ އިތުރު މައުލޫމާތު އުރީދޫ ނޭޝަން ވެބްސައިޓް އަދި ސޯޝަލް މީޑިއާގައި ހިއްސާކުރާނެއެވެ.