މަޖިލިހުގެ ޖަލްސާ ފެށުމަށް މިއަދު 9:00 ގައި ތައްޔާރުވިއިރު ތަޅުމުގައި ތިއްބެވީ 18 މެންބަރުންނެވެ. މަޖިލިހުގެ ޖަލްސާއެއް ފެށުމަށް މަދުވެގެން ތަޅުމުގައި 22 މެންބަރުން ތިބެންޖެހޭނެ އެވެ.
މެމްބަރުން ހަމަ ނުވި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތަށް ވަޑައިގެން ޖަލްސާ ފަށްޓަވަން ކުރައްވާ މަސައްކަތް މަޖިލީހުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ކުރިއަށް ގެންދަވާނީ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެކެވެ.
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާ ވެސް ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން، 3 ފަހަރަށް މެދުކަނޑާލައިގެން ވެސް ނުފެށުނެވެ. އިއްޔެ ވެސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވެ އެވެ. އެހެން ނަމަވެސް މެމްބަރުން ހާޒިރުވުމުން ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅާފައިވާ ނިޒާމީ ވޯޓާ ގުޅޭ ގަރާރުގެ ބަހުސް ނިންމައި ކޮމިޓީ މަރުހަލާއަށް ފޮނުވުމަށް ފާސްކުރި އެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވާކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިހާރު ކުރަމުން ދާ މަސައްކަތަކީ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައްވައި ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ކަމަށާ އެ ގަރާރުގެ މަސައްކަތް ކުރުމަށްޓަކައި މުޅި މަޖިލިސް ވަނީ ކޮމިޓީއަކަށް ގޮސްފައިވާ ކަަމަށެވެ.
ނަޝީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕްތަކުގެ ލީޑަރުންގެ މެދުގައި، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަޑައިގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެވެމުން ދަނީ. އަޅުގަނޑު ހިތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރާއި އަދި ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނާއި ޑިމޮކްރެޓުންގެ ލީޑަރުން ދަނީ މަޝްވަރާ ކުރެވެމުން. މަޝްވަރާ ކުރެވެމުން މިދަނީ މަޖިލީހަށް ބޭފުޅުން ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ،" ވަރަށް ބޮޑަށް ހިނިފުޅުވަޑުވަމުން ނަޝީދު ވިދާޅުވި އެވެ.
އަނެއްކާވެސް ކުޑަވަގުތުކޮޅަކަށް ފަހު ނަޝީދު ވަނީ، މަޝްވަރާތަކަށް ޖާގަ ދިނުމަށް ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލައްވާފަ އެވެ.