ads
ވިލިމާލޭ ދާއިރާ މެމްބަރު އަހުމަދު އުޝާމް
އުޝާމްގެ ސުވާލެއް: ގަރާރަކުން ނިޒާމީ ވޯޓެއް ނަގަން ފާސްކުރެވޭނެތޯ..؟
ރާއްޖޭގައި ވެރިކަންކުރާނެ ނިޒާމެއް އަލުން ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ސުވާލު އުފައްދަވައިފި އެވެ.
Advertisement

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް ވަނީ ގަރާރެއް ފާސްކޮށްގެން ނިޒާމީ ވޯޓެއް ނަގަން މަސައްކަތް ކުރާއިރު، އެކަމުގައި ގިނަ ގާނޫނީ ސުވާލުތަކެއް އުފެދޭކަން ފާހަގަކުރައްވާފަ އެވެ.

"ގަރާރަކީ އެ ފާސްކުރުމުން އޭގެ ބޭރުން ދެން އިތުރު އެއްވެސް ކަމެއް ކުރަން ޖެހޭ އެއްޗެއް ނޫން. އެހެންވީމާ އަޅުގަނޑަށް އެބަ ސުވާލު އުފެދޭ ގަރާރެއް ފާސްކޮށްގެން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކަމެއް ލާޒިމުކުރެވިދާނެތޯ،" އެމްއެންޕީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އުޝާމް ވިދާޅުވި އެވެ.

އެހެންކަމުން މިހާރު މަޖިލީހުން ކުރިއަށް ގެންދަން އުޅޭ ޕްރޮސެސްއާ މެދު އުފެދޭ ސުވާލުތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިމަތީގައި މިއޮތީ އެކަން ކުރުމަށްޓަކައި ގަރާރެއްގެ ސިފައިގައި ހުށަހަޅާފައި. އަޅުގަނޑަށް މީގައި ސުވާލު އުފެދޭ ކަމަކީ ގަރާރަކުން ހުށަހަޅައިގެން މިކަން މިގޮތަށް ކުރެވިދާނެތޯ." ނިޒާމީ ވޯޓެއް ނެގުމަަށް ތާއީދުކުރައްވާ ކަން ހާމަ ކުރައްވާ އުޝާމް ވިދާޅުވި އެވެ.

ރާއްޖޭގައި ވެރިކަންކުރާނެ ނިޒާމެއް އަލުން ކަނޑައަޅަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އުޝާމް ވިދާޅުވިއިރު، ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުގެ ކުރިން އެ ކަމުގެ އުސޫލުތަކާއި އެކަން ކުރިއަށް ގެންދާނެ ގޮތް ބަޔާން ކުރާ ގާނޫނެއް ފާސްކުރުން މުހިންމު ކަމަށް، ނިޒާމީ ބަދަލަކަށް ވަކާލާތުކުރާ ޑިމޮކްރެޓްސްގެ އިންގާލީ ޗެއާޕާސަން ހަސަން ލަތީފު މިއަދު ވިދާޅުވެފަ އެވެ.

ހަސަން ވެސް ވިދާޅުވީ ގާނޫނެއް ނެތި ވޯޓަކަށް ގޮސްފިނަމަ ފެންނަ ނުފެންނަ ވޯޓަށް ފަހު އަމަލުކުރަންވީ ގޮތްތަކާ މެދު ސުވާލުތަކެއް އުފެދުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ފެންނަ ނުފެންނަ ވޯޓެއްގެ ކަރުދާސް އެކުލަވާލާއިރު ގަބޫލު ކުރެވޭ، ދައުލަތުގެ ބާރުތަކަށް އަންނަ ބަދަލުތައް ބަޔާންކުރާ މާއްދާތައް ވެސް ޑްރާފްޓް ކުރެވިގެން ވޯޓަކަށް އެހިގެން، އަދި މި ކަން ގާނޫނެއްގެ ސިފައިގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރެވިގެން ވޯޓަކަށް އަހަން ދިޔުމަށް،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަންގެ ހިޔާލު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގައި ވާގޮތުން ނިޒާމީ ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ މި އަހަރުގެ ނޮވެމްބަރު 30 ވަނަ ދުވަހުގެ ކުރިންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުުރުގައި އެއްވެސް ޕާޓީއަކަށް ތާއިދުކުރުމަށް ނަޝީދު އިސްވެ އުޅުއްވާ ޑިމޮކްރެޓްސްއިން، ވަކިި ޝަރުތުތަކެއް ކަނޑައަޅައި ވަނީ ޕާޓީ ތެރެއިން ވެސް ވަކި ގަރާރެއް ފާސްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައިވާ ގޮތުގައި މި މަހު ވޯޓު ނެގުުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިންތިހާބުގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް އެއް މަސް ދުވަސް ބޭނުންވާނެ ކަމަށް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް