ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސްއިން ބޮޑު ދެ ޕާޓީއާ ވެސް މަޝްވަރާ ކުރިއެވެ. އެގޮތުން، އިދިކޮޅު ޕީޕީއެމަށް ވަނީ ސަރުކާރުގެ ހިއްސާ ދޭގޮތަށް ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ޝަރުތުކޮށްފައެވެ. އަދި، ވެރިކަން ކުރާ އެމްޑީޕީއަށް ވަނީ މި މަހު 28ގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށް ޝަރުތުކޮށްފައެވެ.
އެކަމަކު، ރޭ 12:00 އަށް ދެ ޕާޓީއަށް ދިން މުއްދަތު ހަމަވިއިރު، އެއްވެސް ޕާޓީއަކުން ޑިމޮކްރެޓްސްގެ ޝަރުތުތަކަށް އެއްބަސްވެފައެއް ނުވެއެވެ. އެހެންވެ، ޑިމޮކްރެޓްސްއިން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހަދާށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހާއްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ދަ ޑިމޮކްރެޓްސްއިން ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް އިލިޔާސް ލަބީބަށް ލިބިވަޑައިގަތީ އިންތިހާބުގެ 3 ވަނައެވެ. ޑިމޮކްރެސްއަށް 15،807 ވޯޓު ލިބުނެވެ. އެއީ، 7.18 އިންސައްތައެވެ.
މި އިންތިހާބުން 5460 ވޯޓާއެކު ފަސް ވަނަ ހޯއްދެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވެސް މީގެ ކުރިން ވަނީ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.
މި އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަހަތަށް ޖައްސައިލުމަށް ފަހު، ހަތަރު ވަނަ ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރެވެ. އޭނާ ވަނީ ފުރަތަމަ ބުރުގައި 6،000 ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އުމަރުގެ ނިންމުން މި ރޭ އިއުލާން ކުރައްވާނެ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ފާރިސް ވެސް އިއްޔެ ވަނީ ނިންމާފަ އެވެ. ފުރަތަމަ ބުރުގައި 2979 ވުރެ ގިނަ ވޯޓު ފާރިސް މައުމޫން ހޯއްދަވައިފަ އެވެ