ads
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި، ނައިބް ރައީސް ހަބީބު---
ނިޒާމީ ވޯޓް ނަގަން މަޖިލީހުން އީސީއަށް އަންގައިފި
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ 30ގެ ކުރިން ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް، ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރު، މަޖިލީހުގެ އިދާރާ އިން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޮނުވައިފި އެވެ.

ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން އިލްޔާސް ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 19 އެމްޑީޕީ މެމްބަރުންގެ ތާއީދާ އެކު އެވެ.

ރައީސްގެ ބައިވެރިވުމެއް ނެތި މަޖިލީހުން އަމިއްލަ އަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

އެ ގަރާރު މަޖިލީހުގެ އިދާރާ އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިވާކަން، އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ މިއަދު އެކްސްގައި ހާމަކުރައްވާފަ އެވެ.

"މިކަމާ މެދު، އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނޭ ގޮތުގެ ގާނޫނީ ލަފާ މިހާރު ކޮމިޝަނުން ދަނީ ހޯދަމުން،" ހަބީބު ވިދާޅުވި އެވެ.

ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އެފަދަ ވޯޓެއް ނެގުމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ހަމަތަކަށް ރިއާޔަތްކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އެ އިންތިހާބު ބޭއްވުމަށް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން ވާހަކަ ދެކެވި ބަހުސް އުފެދުމުން 2007 ވަނަ އަހަރު ރާއްޖޭގައި ޕަބްލިކް ރެފަރެންޑަމް ވޯޓެއް ކުރިޔަށް ގެންދިޔަ އެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، ނުވަތަ ޕާލަމެންޓްރީ / ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް / ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދިނެވެ. އެއީ ވޯޓްލީ މީހުންގެ 62.04 އިންސައްތަ އެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 އިންސައްތަ އެވެ.  

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް