
މަސްވެރިންގެ އަތުން މަސް ގަނެ ރައްކާކުރެވޭނެ ކެޕޭސިޓީ ހުރި ބޯޓުތަކެއް ހޯދުމުގެ ގޮތުން ޖަޕާނުން ބޯޓަކާއި ތައިލޭންޑުން ތިން ބޯޓު ގެނައުމުގެ މަސައްކަތް މިފްކޯއިން އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން މި އަހަރުގެ ތެރޭގައި ތައިލޭންޑުން އެއް ބޯޓު ގެނެސް ބޭނުންކުރަން ވަނީ ފަށާފައެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެފައިވަނީ ތައިލޭންޑުން ގެނައުމަށް ހަމަޖެހިފައިވާ އަނެއް ދެ ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މަސް ފިނިކުރުމުގެ ނިޒާމް ބޯޓުތަކުގައި ހަރުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި އޭގެތެރެއިން އެއް ބޯޓު މި މަހުގެ 27 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެ އައުމަށް ފުރާނެ ކަމުގައެވެ. މި މަސް ނިމުމުގެ ކުރިން އެ ބޯޓަށް ރާއްޖެ އާދެވޭނެ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން ދެވަނަ ބޯޓުވެސް ރާއްޖެ ގެނެވޭނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
މިފްކޯއިން ބުނީ މި ދެ ބޯޓަކީވެސް ދުވާލަކު 60 ޓަނުގެ މަސް ފިނިކުރެވޭނެ ނިޒާމު ހުރި ދެ ބޯޓު ކަމަށެވެ. މި ބޯޓުތަކުގައި ފިނިކުރުމަށްފަހު އިތުރަށް މަސް ފިނިކުރާކަށް ނުޖެހެއެވެ. އެކަމުގެ ސަބަބުން އެ ކުންފުނީގެ މަސް ފިނިކުރާ ފެސިލިޓީތަކަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ. އޭގެއިތުރުން ދުވާލެއްގެ މައްޗަށް އެ ކުންފުންޏަށް ގަންނަ މަހުގެ އަދަދު އިތުރުވާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ސައިޒު ބޮޑުވެ، މަސްވެރިން ބާނާ މަހުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ސަރުކާރުން އަންނަނީ މިފްކޯގެ މަސްކިރުމުގެ ގާބިލުކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްކިރާ ފެސިލިޓީތަކުގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، މަސްކިރުމަށް އިތުރު ބޯޓުތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ އިތުރުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސް ގަންނަން އިތުރު ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.