ads
އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު. ފޮޓޯ: މިހާރު
މަޖިލީހުން ފޮނުވި ގަރާރާއި މެދު ގާނޫނީ ލަފާ ލިބިއްޖެ: ހަބީބު
ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރުމަށް އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާ ގަރާރާއި މެދު ގާނޫނީ ލަފާ ލިބިއްޖެކަމަށް، އިލެކްޝަން ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.
Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވީ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލުކުރމާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގަރާރު ކޮމިޝަނަށް ލިބުމާއެކު، އެގަރާރާއި މެދު ގާނޫނީ ލަފާ ހޯއްދުވަމަށް ހުށަހެޅުއްވި ކަމަށާއި، އަދި އެކަމަށް ބޭނުންވާ ގާނޫނީ ލަފާ މިހާރު ލިބިފައިވާ ކަމަށެވެ،

އަދި ލިބުނު ގާނޫނީ ލަފާގެ މަތިން އެފަދަ ވޯޓެއް ނެގުމުގެ ކުރިން ޖަވާބު ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ދަންނަވާފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއީ ކޮން ކަންތައްތަކެއް ކަމެއް ހަބީބު ވިދާޅުވެފައެއް ނުވެއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލް ހޯދާލުމަށް، ސީއެންއެމްގެ ފަރާތުން ހަބީބަށް ގުޅާލުމުން ވިދާޅުވީ، އެކަމުގެ އިތުރު މައުލޫމާތު ހާމަކުރުމަށް އިލެކްޝަން ކޮމިޝަންގެ ފަރާތުން އަންނަ ހޮނިހިރުދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން، ޑައިރެކްޓަރ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، އިލެކްޝަން ކޮމިޝަނުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށާއި، އެހެންނަމަވެސް ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތަފްސީލެއް ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ސިޓީ ފޮނުއްވުމަށްފަހު ކަމަށެވެ.

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރުމަށް، އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރާއިމެދު ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް ވަނީ މަޖިލީހުން ފާސްކުރާ ގަރާރަކުން، މިފަދަ ވޯޓެއް ނެގުމަށް އިލެކްޝަން ކޮމިޝަނަށް އެންގިދާނެކަމާއި މެދު ސުވާލު އުފައްދާފައެވެ.

"އެހެންވެ އަޅުގަނޑަށް އެބަ ސުވާލު އުފެދޭ ގަރާރެއް ފާސްކޮށްގެން އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ކަމެއް ލާޒިމު ކުރެވިދާނެތޯ،" ވިލިމާލެ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް އުޝާމް ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލުމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން އެކުލަވާލި ޑްރާފްޓިންގް ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް ސީއެންއެމް އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ، ވެރިކަން ކުރުމުގެ ނިޒާމާއި ބެހޭގޮތުން ރައްޔިތުންވަނީ ގޮތެއް ނިންމާފަކަމަށާއި، އަދި އެނިންމުމާއި މެދު އިތުރު ވިސްނުމަކަށް ދާނެ ދުވަހެއް ނުވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން، ނިޒާމީ ވޯޓެއް ނެގުމުގެ ކުރިއަށް، އެފަަދަ ވޯޓެއް ނެގުމުގެ ކުރިއަށް ކުރިއަށް ކުރަންޖެހޭ މުހިއްމު ގިނަ ކަންތައް ނުކޮށް ވާކަމަށާއި، މިސާލެއްގެ ގޮތުން ނިޒާމާއި ގުޅޭ ވޯޓެއް ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލެއް ނުވަތަ ގޮތެއްވެސް މިހާތަނަށް ރައްޔިތުންގެ މަޖިލީހަށް ބުނެދެވިފައި ނުވާކަމަށް އިބްރާ ވިދާޅުވިއެވެ.

"ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ވޯޓެއް ނެގުމުގެ ކުރިއަށް، އެފަދަ ވޯޓެއް ނެގުމުގައި އަމަލުކުރަންޖެހޭނެ ގޮތެއް އޮންނާން ޖެހޭނެ ނޫންތޯ؟ ކޮބައިތޯ އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާއި ބެހޭ ގާނޫނު؟ އަދި މިހާތަނަށް ވުޖޫދުވެފައި އެއް ނެތް. އެހެންވީމަ، މިފަދަ ވޯޓެއް ނެގުމަށް ގަރާރު ފާސްކުުރުމުގެ ކުރިއަށް، އެ ގާނޫނު ވުޖޫދަށް އަންނަން ޖެހޭނެކަމަށް އަޅުގަނޑު ދެކެން." އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރާނަމަ، މުޅި ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް