ads
އުމަރު ނަސީރު---
ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރަން އުމަރު ނިންމައިފި
މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވަން ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރު ނިންމަވައިފިއެވެ.
Advertisement

ދެވަނަ ބުރުގައި އުމަރު ނިންމާ ނިންމުން އިއުލާން ކުރެއްވީ މިރޭ ފޭސްބުކާއި ޓިކްޓޮކް މެދުވެރިކޮށް ބޭއްވި ލައިވް އިވެންޓެއްގައެވެ.

އުމަރު ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ މީގެ ކުރިން ވެސް ވެރިކަން ކޮށްފައިވާ ފަރާތްތައް ކަމަށާއި އެ ހުރިހާ ޕާޓީތަކުގެ ވެރިކަމުގައި ވެސް ރާއްޖޭގެ ދަރަނިވީ އިތުރު ކަމަށެވެ.

"އަޅުގަނޑުމެން ހަނދާން އެބަހުރި އިއްޔެ ވެރިކަން ކުރި މީހުންނާ މިއަދު ވެރިކަން ކުރާ މީހުންނާ މި ދެބައި މީހުންގެ އަމަލުތައް ވެސް. ހުރިހާ ޕާޓީތަކުގެ ވެރިކަމެއްގައި ވެސް ރާއްޖޭގެ ދަރަނި އިތުރުވީ. ލޯނުތައް ނަގައި ބޭކާރު ޕްރޮޖެކްޓްތައް ހިންގީ ހުރިހާ ޕާޓީތަކުގެ ވެރިކަމުގަ،" ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.

އޭނާ އާއި ޓީމްގެ މިސްރާބަކީ ތަފާތު މިސްރާބެއް ކަމަށާއި، އޭނާ ރައްޖޭގައި ސިޔާސީ އާ ފިކުރެއް އުފައްދާފައިވާ ކަމަށް އުމަރު ވިދާޅުވިއެެވެ.

އުމަރު ވިދާޅުވީ، އޭނާގެ ސިޔާސީ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، މަސައްކަތް ކުރިއަށް ގެންދާނެ ކަަމަށެވެ. އަދި މިކަން ހުއްޓާލާނީ މި ގައުމު މުޅިން އާ މިސްރާބަކަށް ގެންގޮސް، މުޅި ގައުމު މުޅިން ޑައިވާސިފައި ކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް ވަނީ 6،343 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ ވޯޓްގެ 2.8 އިންސައްތައެވެ. މިފަހަރުގެ އިންތިހާބުގައި އުމަރު 4 ވަނަ ހޯއްދެވީ، ރާއްޖެގެ ވަރުގަދަ ސިޔާސީ ލީޑަރުންކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ފަހަތަށް ޖައްސާލުމަށްފަހުއެވެ.

ރިޔާސީ އިންތިހާބުގެ ފުތަމަ ބުރުން ބަލިބި ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ބުރުގައި ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް އެކަންޏެވެ. އޭނާ ވަނީ ޕީޕީއެމް/ޕީއެންސީއާ އެކު އެއްވެސް ޝަރުތެއް ކުރިމަތިިނުކޮށް ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

ދެން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް ނިންމެވީ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް