
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ދެ މެންބަރުން މަދުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގައި 87 މެމްބަރުން ތިއްބަވާ އިރު ޖަލްސާއެއް ފަށަން ކޯރަމް ހަމަވާނީ 22 މެމްބަރުން ވަޑައިގެންނެވުމުންނެވެ.
އެހެން ދުވަސްތަކާ ހިލާފަށް ނަޝީދު މިއަދު ވަނީ ގިނައިރު މަޑުނުކޮށް ޖަލްސާ ނިންމާލައްވާފަ އެވެ. މީގެ ކުރިން ކޯރަމް ހަމަނުވެގެން ވަރަށް ގިނަ ފަހަރު މަތިން ޖަލްސާ ފެއްޓެވޭތޯ މަސައްކަތް ކުރައްވަ އެވެ.
މިއަދު 9:30 ވާންވާއިރަށް ނަޝީދު ޖަލްސާ ނިންމަވާލެއްވީ މާދަމާގެ ޖަލްސާ ބޭއްވުމުގެ ކުރިން އެމްޑީޕީގެ މެމްބަރުނާ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ގަސްދުކުރަނީ އެމްޑީޕީއާ އެކު މަޝްވަރާކުރުމަށްފަހު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ހަފުތާކަމުން ޕާޓީތަކުން ކެމްޕޭން ކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ރާއްޖޭގައި މިހާރު އޮތް ވެރކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލަ އާއި ވޯޓޫން ނިންމާ ކަންކަމަށް ވޯޓަށް އެހުމެވެ.