
ޔޫތު ފޯ ޔުނިޓީ އާއި އެހެނިހެން ޖަމިއްޔާތަކުގެ އިސްނެގުމާއެކު، ދީނީ އިލްމުވެރިންނާއި ދީނީ ޖަމްއިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ހަރަކާތް ފެށީ ރޭ 20:00 ގައި މަޖީދީމަގު ސޯޝަލް ސެންޓަރުންނެވެ.
ހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން ފަލަސްޓީނުގެ ދިދަޔާއި، ފަލަސްޓީނު ރައްޔިތުންގެ ހައްގުގައި ތިބިކަން ދައްކުވައިދޭ އެކި ޝިއާރުތައް ރަމްޒުކޮށްދޭ ބޯޑުތަކާއި ބެނާތައް ބޭނުންކޮށްފައިވެއެވެ. މި ހަރަކާތުގެ ތެރެއިން ވަނީ ގައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ދެމުންދާ އުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ގައްޒާގެ މުސްލިމް އަހުންނާއި އުހުތުންގެ މިހާރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ޔަހޫދީން ހުރަސް އަޅާއެޅުންވެސް ކުށްވެރިކޮށްފައިވެއެވެ.
މަޖީދީމަގުގައި ކުރިއަށްގެންދިޔަ މި ހިނގާލުން ނިންމާލާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ. ހިނގާލުން ނިންމާލުމުގެގޮތުން ފަލަސްޓީނު ރައްޔިތުންނަށް ނަސްރުދެއްވުމަށް އެދި ހާއްސަ ދުއާއެއް ކޮށްފައިވެއެވެ.
ފަލަސްޓީނުގެ މުސްލިމުންގެ ހައްގުގައި ރާއްޖެއިން އަޅާފައިވާ އެންމެ ބޮޑު އެއް ފިޔަވަޅަކީ، އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޓީނުގެ ހައްގުގައި ވަކާލާތު ކުރައްވަމުންނެވެ.