
އުރީދޫގެ އޮފީސް އިމާރާތް މިރޭ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
އުރީދޫގެ އާ އޮފީސް އިމާރާތް ހުޅުވުމަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއެއް ގާއިމުކުރުން ކަމަށެވެ. މިރޭ ހުޅުވިގެން ދިޔަ އުރީދޫ އާ އޮފީހާ އެކު އެ ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އުރީދޫގެ އާ އޮފީސް އިމާރާތަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއެކު ފަސޭހައިން މަސައްކަތް ކުރެވޭނެ ގޮތްތައް ހިމެނޭހެން އިމާރާތް ކޮށްފައިވާ އޮފީހެކެވެ. ބޭސްމަންޓާ އެކު 11 ފަންގިފިލާގެ ހުންނަ މި އޮފީސް އިމާރާތްކޮށްފައިވަނީ ޗައިނާގެ ސީސީއީސީ ކުންފުންޏާ ހަވާލުކޮށްގެންނެވެ.
އުރީދޫގެ ޒަމާނީ އާ އޮފީސް އިމާރާތް - ފޮޓޯ:އުރީދޫ
އުރީދޫގެ އާ އޮފީސް އިމާރާތުގައި ހިމެނޭ ބައެއް މުހިންމު ކަންކަން:
- މުވައްޒަފުންނަށް ހާއްސަ ކުއައިޓް ރޫމް
- މުވައްޒަފުންނަށް ހާއްސަ ޖިމް
- ހޭންގްއައުޓް އޭރިއާ
- ކެފޭގެ ހިދުމަތްތައް
- ކުޑަކުދިންނަށް ހާއްސަ ސަރަހައްދު
މި އިމާރާތުގެ ބޭރުގައި ލެމިނޭޓެޑް ޓެމްޕާޑް ބިއްލޫރި ބޭނުންކޮށްފައިވާއިރު، ތާޒާ ވައި ދައުރުކުރުމަށް ހާއްސަ ސިސްޓަމަކާއި ލައިޓިން މެނޭޖްމަންޓު ސިސްޓަމެއް ހުރެއެވެ. އަދި ފެނުގެ ހަރަދު ކުޑަކުރުމަށް ފެން ރައްކާ ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވުމުގެ އިތުރަށް އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް އޮޓޯމޭޓެޑް ފަޔާ ސިސްޓަމެއް އިމާރާތުގައި ހަރުކޮށްފައިވެއެވެ.
އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ނައިބު ރައީސަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އޮފީސް އިމާރާތް ހުޅުވުން ފާހަގަކުރުމަށް އުރީދޫގެ ފަރާތުން ވަނީ ހަވާ އެރުވުން ކުރިއަށް ގެންގޮސްފައެވެ.