
2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، އެލް ކުންފުނިން ދަރަންޏެއްގެ ގޮތުގައި އެފްއޭއެމުން ނެގި، 3،084000 (ތިން މިލިއަން، އަށްޑިހަ ހަތަރުހާސް) ރުފިޔާ، އެ ކުންފުންޏަށް އަނބުރައި ނުދައްކައިގެން އެފްއޭއެމާ ދެކޮޅަށް ދައުވާ ކުރި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ މަހު ހުކުމް ކުރީ، ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދައްކާށެވެ. އެހެންނަމަވެސް މިހާތަނަށް އެ ފައިސާ ދައްކާފައިނުވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ހުކުމާ އެއް ގޮތަށް ފައިސާ ދައްކާފައިނުވާކަން ސިވިލް ކޯޓުންވެސް ކަށަވަރުކޮށްދެއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުން، އެލް އަށް ދޭންޖެހޭ ދެ ލައްކަ ޑޮލަރުގެ ތެރެއިން، އެއްވެސް ފައިސާއެއް މައްސަލައިގައި ހުކުމް ކުރުމާ ހިސާބަށްވެސް އެފްއޭއެމުން ދީފައެއް ނުވެއެވެ. ފައިސާ ނުދެއްކުމުން އެލް އަށް ވެފައިވާ ގެއްލުމުގެ ބަދަލު ހޯދަން ވަކި ދައުވާއެއް ވެސް ވަނީ އެލް އިން ކޮށްފަ އެވެ.
ސިވިލް ކޯޓުގެ މި ހުކުމާ ގުޅޭ ގޮތުން ސުވާލުކުރުމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، އަދި އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒުވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.