ސޯސަން ޖަގަހައިގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް މިހެން ވިދާޅުވީ، އިންތިހާބާއި ދިމާކޮށް އެމްޑީޕީން ގިނަ ވައުދުތަކެއް ވަމުން އަންނަކަމަށް ދެކެވޭ ވާހަކައާއި ގުޅިގެންނެވެ.
ރައީސް ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ފާއިތުވި 15 ދުވަސް ތެރޭ ވަރަށް ގިނަ ކަންތައްތަކެއް ކުރައްވައިފި ކަމަށާއި އޭގެ ނަތީޖާ އަންނަ ހޮނިހިރު ދުވަހު ނަގާ ދެވަނަ ބުރުގެ ވޯޓުން ފެންނާނެ ކަމަށެވެ.
މި ފާއިތުވި ދުވަސްތަކު ތެރޭ ގިނަ ބަޔަކާ ބައްދަލުވި ކަމަށާއި ބައެއް މީހުންގެ ފަރާތުން އިވުނު ވާހަކަތަކަށް ބިނާކޮށް ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މިހާރުން މިހާރަށް ވެސް ކުރެވެން ހުރި މަސައްކަތްތައް ފަށާފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވައުދުތައް ތަކުރާރު ކުރައްވަނީ މެނިފެސްޓޯގައި އެ ވައުދުތައް ލިޔެފައި ހުއްޓާވެސް ބައެއް ފަރާތްތަކުން އޮޅުވާލާތީ އެކަން އިތުރަށް ތަފްސީލްކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައި މި ވަނީ، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ ބައެއް މައްސަލަތައް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައި އޮއްވަ އެވެ.