ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި، ނިޒާމަށް ބަދަލު ގެނައުމަށް ނެގޭ ފެންނަ ނުފެންނަ ވޯޓަށް އަމާޒުކޮށްގެން ވޯޓުލާ މީހުންގެ މައުލޫމާތާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުމަށް ވަގުތު ވަރަށް ކުޑަތަންވެފައިވާ ކަމަށެވެ.
ހިންގުމުގެ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ކުރިއަށް، ހުށަހަޅާ ނިޒާމުތަކަކީ ކޮބައިކަމާއި އޭގެ ނަތީޖާއެއްގެ ގޮތުން ހިންގުމުގެ ނިޒާމުގެ މަސައްކަތްތަކަށް ކުރާނެ އަސަރުތަކާއި ނިޒާމީ ބަދަލެއް އައުމުން ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ލިބޭނެ ގޮތް ކަށަވަރުކުރަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.
ޓްރާންސްޕޭރެންސީގެ ބަޔާނުގައި ރައްޔިތުންގެ މަޖިލީހާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިތުރުން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާފައިވަނީ:
ޓްރާންސްޕޭރެންސީން ބުނި ގޮތުގައި ނިޒާމީ ވޯޓެއް ބޭއްވުމަކީ ހަރަދު ބޮޑު މަސައްކަތަކަށް ވުމާ އެކު، ނެގޭ ވޯޓަކީ ކުރު މުއްދަތުގެ ސިޔާސީ މަންފާއަށް ވުރެ، ވޯޓުލާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތުގެ މައްޗަށް ނެގޭ ވޯޓެއްކަން ކަށަވަރުކުރަން ޖެހޭ ކަމުގައެވެ.
މުއައްސަސާތަކުން ދައުލަތުގެ ފައިސާ ޒިންމާދާރުކަމާ އެކު ހޭދަކުރުމަށް، ވޯޓާ ގުޅިގެން ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވޯޓުލާ މީހުންގެ އިހުތިޔާރު ދައްކުވައިދޭ މާނަހުރި މަޝްވަރާއެއް ބޭއްވި އެކަމަށް އެކަށީގެންވާ ވަގުތު ހާއްސަކުރެވި ކަނޑައެޅިފައިވާން ޖެހޭނެ ކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.
މިހާރު ރާއްޖޭގައި އޮތް ހިންގުމުގެ ނިޒާމަށް ބަދަލު ގެނައުމާ ގުޅޭގޮތުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން އާންމު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އީސީއަށް އެންގުމަށް މި މަހުގެ 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 35 މެންބަރުންގެ ވޯޓަކުން ވަނީ ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރު އީސީއަށް ހުށަހެޅުމާ ގުޅިގެން އަންނަ މަހުގެ 29 ވަނަ ދުވަހު ނިޒާމާ ގުޅޭ ވޯޓު ނެގުމަށް މަޝްވަރާކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ އިއުލާނުކޮށްފައެވެ.