ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރެއްވި އިއުލާނެއްގައިވަނީ މުދާ އުފުލާ އުޅަނދުތަކަށް ވޯޓުލާ ދުވަހުގެ ބައެއް ގަޑިތަކުގައި ނުދުއްވޭގޮތަށް ހަމަޖެއްސެވީ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށް ދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތްތަކަށް ދަތިިވާނެތީކަމަށެވެ.
އެހެންކަމުން އެދުވަހުގެ (އަންނަ ހޮނިހިރު) ހެނދުނު 06:00އިން ރޭގަނޑު 20:00އަށް ބައެއް އުޅަނދުތައް ދުއްވުން މަނާވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.
ދުއްވުން މަނާ ވާނީ "ސީ2"، "ސީ0"، "ޑީ"، "އީ" އަދި "ވީ" ކެޓަގަރީގެ ވެހިކަލްތައް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ ކެޓަގަރީތަކުގެ ވެހިކަލްތަކުގެ ތެރޭގައި ބޮޑެތި ވޭނާއި ކާރާއި މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައް ހިމެނެ އެވެ.
އެ ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އެ ވަގުތުތަކުގައި ދުއްވުން މަނާ ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހެނދުނު 8:00 އިން ފަށާ ވޯޓުލުން ދެ ވަނަ ބުރުގައި ބަންދުކުރާނީ ހަވީރު 5:00 ގައި ކަމަށް އީސީ އިން ވަނީ ކަނޑައަޅާފަ އެވެ.