ދިއްދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވުނު މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.
ދިއްދޫއަކީ 4،186 މީހުންގެ އާބާދީއެއް އޮންނަ ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. ހއ. އަތޮޅުގެ އެންމެ ބޮޑު ތައުލީމީ މަރުކަޒާއި އެކި އެކި ސަރުކާރު މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކުގެ ހިދުމަތް ހޯދުމަށް އެ ރަށަށް ކައިރި ރަށްރަށުގެ ރައްޔިތުން ގިނަ އަދަދަކަށް ޒިޔާރަތްކުރެއެވެ.
ދިއްދޫގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ރަށަށް ވަނީ ބިމުގެ ދަތިކަން ދިމާވެފައެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު، ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި މުސްތަގުބަލުގައި ރަށް އިތުރަށް އާބާދުވެ ތަރައްގީކުރުމުގެ ދޮރުތައް ހުޅުވިގެން ދާނެ ކަމަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއި 623،968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 10،962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އޭގެ އިތުރުން 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗްއެއް ކޮނުމާއި 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަކީ 83.07 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.