މިމަހުގެ 28 ގެ ނިޔަލަށް އިންޑިއާއަށް ދަތުރުނުކުރެވޭ ގޮތަށް އެގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާއިރު މޯލްޑިވިއަނުން އޮތީ ޓްރިވަންޑަރަމަށް މިއަދު ހެނދުނު ދަތުރުކުރާ ގޮތަށް ތާވަލުކޮށްފަ އެވެ. ނަމަވެސް އެ ފްލައިޓުގައި ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ވެސް ފްލައިޓް ކެންސަލްކޮށްފައިވާކަން އެނގުނީ އެއާޕޯޓަށް ދިޔަ ފަހުންނެވެ.
މި ފްލައިޓުން ދަތުރުކުރަން ހަމަޖެހިފައި އޮތް މީހަކު ސީއެންއެމްއަށް ބުނި ގޮތުގައި ގާތްގަނޑަކަށް 130 އެއްހާ ދިވެހިން އޮތީ މި ފްލައިޓުން ދަތުރުކުރަން ޓިކެޓް ނަގާފަ އެވެ. މި އެންމެނަށް ވެސް އެއާޕޯޓަށް ދިޔަ ފަހުން ފްލައިޓް ކެންސަލްވިކަން އެނގުނުއިރު އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ދާނެތަނެއް ނެތިފައި އެއާޕޯޓްގައި އެބަ ތިބި ކަމަށް އެމީހާ ބުންޏެވެ.
އަނެއް ބަޔަކު ޓެރިވަންޑްރަމްގެ ކޮންސިއުލޭޓަށް ގުޅައި ފުރޭނެ އިތުރު ގޮތެއް ހޯދުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެމީހާ ބުންޏެވެ.
އެމީހާ ބުނި ގޮތުގައި އެމީހުން މިއަދަށް ޓިކެޓް ނަގާފައި ވަނީ މިއަދަކީ އެގައުމުން އަނބުރާ އާދެވޭނެ އެންމެ ފަހު ފުރުސަތު ކަމުންނެވެ. އެގޮތުން އިންޑިއާގައި ވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި އެގައުމަށް ދާން ޖެހުނީ އައިޖީއެމްއެޗުން ރިފާކޮށްގެން ބަލި މީހަކު ގޮވައިގެން ކަމަށް އެމީހާ ބުންޏެވެ.
އެމީހާ ބުނީ، ޓްރިވަންޑްރަމްގައި ހުންނަ މޯލްޑިވިއަންގެ އޮފީހަށް ވެސް ގުޅާފައިވާ ކަމަށާއި އެގޮތުން މިމަހުގެ 28 ގެ ކުރިން ފްލައިޓެއް އޮންނާނެ ސީދާ ތާރީހެއް ބުނަން އެމީހުންނަށް ވެސް ނޭނގޭކަމަށް ބުނެފައިވާ ކަމަށެވެ.
އެމީހާ އިތުރަށް ބުނީ، އިންޑިއަން އެއާލައިންގެ ފްލައިޓެއް މިއަދު 3:00 ހާއިރު ރާއްޖެއަށް އެބަ އޮތް ކަމަށާއި މިހެންވެ އެ ފްލައިޓުން ވެސް ޖާގަ ހޯދަން ގިނަ ބަޔަކު މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭނާއަށް ޖާގަ ނުލިބުންކަން ވެސް ފާހަގަކުރި އެވެ.
އޭގެ އިތުރުން އެމްބަސީއަށް ވެސް ގުޅާފައިވާ ކަމަށައި ނަމަވެސް އެތަނުން ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން އަންނަނީ އެމީހުންނާއި މެދު އަމަލުކުރާނެ ގޮތުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން ރަސްމީ ބަޔާނެއް ވަރަށް އަވަހަށް ނެރޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރޭ މޯލްޑިވިއަނުން ކުރި ޓްވީޓެއްގައި ވެސް ވަނީ އިންޑިއާގެ މަންޒިލްތަކަށް ކުރާ ދަތުރުތައް މިއަދުން ފެށިގެން މެދުކަނޑާލާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ސީއެންއެމްއަށް ވިދާޅުވީ ފްލައިޓް ކެންސަލް ކުރި ނަމަވެސް އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް އިތުރު ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އިންޑިއާއިން ވަނީ މާދަމާއިން ފެށިގެން ބައިނަލްއަގުވާމީ ފްލައިޓްތައް އިންޑިއާގެ އެއާޕޯޓްތަކަށް އޮޕަރޭޓް ކުރުން ހުއްޓާލަން ނިންމާފަ އެވެ. އެގޮތުން މި ނިންމުން ނިންމާފައި ވަނީ ހަފުތާއެއްގެ މުއްދަތަކަށެވެ.