ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަމާ ގުޅިގެން ކުރެއްވި ޓްވިޓުގައި ވިދާޅުވީ އެމަޖެންސީ ފަންޑަށް އެހީތެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނެންގެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި އިސްނެންގުވުމަށް ދިވެހިރާއްޖެއިން މަރުހަބާ ދަންނަވާ ކަމަށާއި އެ ފަންޑަށް 2 ލައްކަ ޑޮލަރު ޖަމާކުރައްވާނެ ކަމަށެވެ.
ސާކުގެ ގައުމުތަކުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް އެމަޖެންސީ ފަންޑެއް ހުޅުވާފައިވާއިރު އެ ފަންޑަށް އެންމެ ފުރަތަމަ އެހީވާން ނިންމި ގައުމަކީ އިންޑިއާ އެވެ. އެގޮތުން ދިހަ މިލިއަން ޑޮލަރު ޖަމާކުރައްވާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފަ އެވެ. އެ ފަންޑަށް އެހީވުމަށް ދެވަނައަށް އިސްނެގި ގައުމަކީ ދިވެހި ރާއްޖެ އެވެ.
ސާކް އެމަޖެންސީ ރިލީފް ފަންޑެއް ގާއިމް ކުރެއްވުމަށް މޯދީ ހުށަހެޅުއްވީ މި މަހުގެ 15 ވަނަ ދުވަހުގެ ސާކް ގައުމުތަކުގެ އިސްވެރިން ބޭއްވި ވީޑިއޯ ކޮންފަރެންސްގަ އެވެ. ފަންޑު ފުރަތަމަ އެކުލަވާލައްވާ އިރު އިންޑިއާ އިން 10 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކުރައްވާނެ ކަމަށެވެ. މޯދީގެ މި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަފްގާނިސްތާނާއި ބޫޓާނުން ވެސް ވަނީ ތާއިދުކޮށް މަރުހަބާ ދަންނަވާފަ އެވެ.
މި ފަންޑަކީ މެންބަރު ގައުމުތަކުން ވޮލެންޓިއާކޮށް ކޮންޓްރިބިއުޓް ކުރާ ފަންޑަކަށް ހެދިދާނެ ކަމަށާއި، ފެށުމުގެ ގޮތުން އިންޑިއާއިން 10 މިލިއަން ޑޮލަރު ފަންޑަށް ޖަމާކުރައްވާނެ ކަމަށް މޯދީ ވިދާޅުވި އެވެ. މީގެ އިތުރުން ސަރަހައްދީ ގައުމުތަކަށް ބޭނުންވާ ސިއްހީ އަދި ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.