ads
އެންޓި ކޮރަޕްޝަން ކޮމިޝަން——
ވޯޓުލީ ވަގުތު ފައިސާ ބަހަން އުޅުނު މީހެއްގެ މައްސަލަ ބަލަނީ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކުރިއަށް ދަނިކޮށް ފައިސާ ހިފައިގެން އުޅުނު މީހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔަވަގުތު، މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާއެކު ހަރަކާތްތެރިވަމުންދިޔަ މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ފުލުހުންގެ ފަރާތުން ވަނީ އޭސީސީއަށް ހުށައަޅާފައެވެ. 

އަދި އެ މައްސަލަ އޭސީސީން މިހާރު ތަހުގީގު ކުރަމުންދާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

އިންތިހާބުގައި ވޯޓަށް ނުފޫޒު ފޯރުވައި ވޯޓު ގަނެ ވިއްކުމުގެ ކަންކަން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމުގެ ތުހުމަތުތައް އިންތިހާބުގައި ވާދަކުރި ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް ކޮށްފައިވެ އެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ގުޅިގެން އޭސީސީއަށް ހުށައެޅުނު ބައެއް މައްސަލަތައް އެ ކޮމިޝަނުން ވަނީ ބަލާ ނިންމާފައެވެ. އަދި ބާކީހުރި މައްސަލަތައް އެ ކޮމިޝަނުން ދަނީ ބައްލަވަމުންނެވެ. އިންތިހާބާއި ގުޅޭ މައްސަލަތައް އޮންލައިންކޮށް ފަސޭހަކަމާއެކު ހުށައެޅުމުގެ ފުރުސަތުވެސް އޭސީސީއިން ވަނީ ފަހިކޮށްދީފައެވެ.

އިއްޔެ ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 އިންސައްތަ ވޯޓެވެ. އެއީ، 108،735 ވޯޓެވެ. ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުއިއްޒު ވަނީ 54 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ. އެއީ، 126،499 ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް