
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ވޯޓު ލީ މީހުންގެ 54 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އިންތިހާބީ ރައީސް ވެރިކަމާ ހަވާލުވާން ޖެހޭނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެެވެ.
ޑިމޮކްރެޓްސްގެ މެންބަރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ހިމެނޭހެން ރައްޔިތުންގެ މަޖިލީހުގެ 35 މެންބަރުންގެ ވޯޓުން ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވެރިކަމުގެ ނިޒާމަކާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ގަރާރެއް ވަނީ ފާސްކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ގާސިމް މިއަދު އެކްސްގައި ވިދާޅުވީ މި ދަނޑިވަޅު ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައި ވީނަމަވެސް، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ރިޔާސީ އިންތިހާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިހާބު މެދުވެރިކޮށް ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބުކޮށްފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކު އިންތިހާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ގާނޫނުއަސާސީ އާއި ގާނޫނީ ވެރިކަމާއި ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލިއަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ގައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށާއި ކޮށްގެން ވާނެކަމެއްވެސް ނޫން ކަމަށެވެ.
ތިމާމެން އެދޭ ގޮތް ހާސިލު ކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސޯދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭ ކަމެއް ކަމުގައި މެނުވީ ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ގައުމުގައި އުފެދިގެން ދާނީ، ފިތުނަ އާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ނޫން ކޮން އެއްޗެއްތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ. ގާސިމް ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން މުޅި ގައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން އޭނާއަށް ތަސައްވުރު ކުރެވޭ ކަމަށާއި މިކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި ގައުމުގެ ހަމަޖެހުމާއި ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިހާބު ކުރެއްވި ފަރާތްތަކާ ހަވާލުކޮށް އަމާންކަމާއި އޮމާންކަމާ އެކު ގައުމާއިގެން ކުރިއަށް ދިއުމަކީ ދިވެހި ގައުމުގެ ހައްގުގައި އެންމެ އިސް ވާޖިބު ކަމަށް އޭނާ ދެކޭ ކަމުގައެވެ. ގައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތް ކޮށް، ތަފާތު ރޮނގޮރޮނގުގައި ގައުމު ކުރިއަށް ގެންދެވޭނީ ގައުމުގައި ސިޔާސީ އަދި އިޖުތިމާއީ ހަމަޖެހުން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހުރިހާ ހާލަތަކަށް ރިއާޔަތް ކުރުމަށްފަހު، ނިޒާމީ ވޯޓު ނެގުމަށް ވަކާލާތުކުރާ ފަރާތްތަކުގެ ކިބައިން އިހުލާސްތެރިކަމާ އެކު އެދެނީ ގައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރާ ވަކާލާތު ހުއްޓާލާ މުޅި ގައުމުގެ ހަމަޖެހުމަށްޓަކައި، ގައުމު އިސްކޮށް ގައުމައިގެން ކުރިއަށް ދިއުމަށް ކަމަށެވެ.
ފެންނަ ނުފެންނަ ވޯޓުގެ މަސައްކަތް މިވަގުތަށް މަޑުޖެހިފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެ ވޯޓުގެ ކަރުދާހުގައި ލިޔަންވީ ސުވާލާއި ބަރުލަމާނީ ނިޒާމުގެ އޮނިގަނޑު ސާފު ނުވާ ކަމަށް ބުނެ މަޖިލީހަށް ފޮނުވާފައި އޮތުމުގެ ސަބަބުންނެވެ. އެފަހުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، މަޖިލީހަށް ހުށަހަޅުއްވާނެ ބަރުލަމާނީ ނިޒާމުގެ އޮނިގަނޑާއި ސިފަތައް ކިޔައިދެއްވާފައެވެ.